ދުނިޔެ

ޣައްޒާ ހަނގުރާމަ ހުއްޓުމެއް ނެތް: ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ

ޔަހޫދީ އަސްކަރީ ބާރުތަކުން ޣައްޒާއަށް ދެމުންދާ ފަނާކުރަނިވި ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ އިދާރާތަކުން ގޮވާ ގޮވުމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޖަވާބު ދެއްވައިފި އެވެ.

ނަތަންޔާހޫ ރައްދުގައި ވިދާޅުވީ ހަމަލާތައް މެދުކަނޑާލުމަކީ ވެސް ވިސްނުމުގައި އޮތް ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓާލުން ވާނީ ހަމާސްއަށް ލިބޭ ކާމިޔާބަކަށް ކަމަށެވެ.

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ވެސް ވަނީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ތައުރީފުކުރައްވައި -- ހަމަލާތައް ހުއްޓައި ނުލުމަށް އެދިވަޑައިގެންފަ އެވެ.

ހިލަރީ ދެކެވަޑައިގަންނަވާ ގޮތުގައި ހަމަލާތައް ހުއްޓާލުން ވާނީ ހަމާސްއަށް ދެވޭ ހަދިޔާއަކަށެވެ.

ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ ދެކެވަޑައިގަންނަވާ ގޮތުގައި ދުނިޔެ ޔަހޫދީ ދައުލަތަށް ބާރުއަޅަނީ އަމާން ދިނުމަށެވެ. އަމާން ދިނުމަކީ ޔަހޫދީން ދަންނަ ކަމެއް ނޫން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ކުރިމަތިގައި ޔަހޫދީން ބަލި ނުވާނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޔަހޫދީންނަކީ ކުށެއް ނެތް މައުސޫމް ބައެކެވެ. އެ ބިމުގެ އަސްލު ވަޒަންވެރިންނަކީ ޔަހޫދީން ކަމަށް އެ މީހުން ވަކާލާތުކުރެ އެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި ހަމާސް ބަލިކުރަން ޔަހޫދީން ކުރާ މަސައްކަތްތަކަށް ތާއީދުނުކުރާ ބަޔަކު އެ ތިބީ ނުބައި މަގެއްގަ އެވެ. އެ މީހުންގެ ޖާނު ސަލާމަތްކުރުމަށް ޔަހޫދީންނާ ދުރަށް ދިއުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ހަމާސްއާ އީރާން ދުނިޔޭގައި އޮތް ނަމަ ޔަހޫދީނަށް އޮތް ބިރު ދެން ދިމާވާނީ ކޮންމެވެސް އެހެން ބަޔަކަށް ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

ޔަހޫދީ ސިފައިން ޣާއްޒާއަށް އަރައިގަތީ ދޭތިން އެކައްޗަށް ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުން ހަނގުރަމާގައި ޔަހޫދިން ބަލިވުން ނުވަތަ ހަމާސް ނެތިގެން ދިއުމެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި ޔަހޫދީ ސިފައިން އާންމު ރައްޔިތުންނަށް ހަމަލާއެއް ނުދޭނެ އެވެ. އެއާ ޚިލާފަށް ހަމާސް އަކީ އާންމުންނަށް -- ކުޑަކުދިންނަށާއި އަންހެނުންނަށް ބެލުމެއް ނެތް ބައިގަނޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔަހޫދީ އަސްކަރީ ޖެޓުތަކުން ޣައްޒާގެ ހޮސްޕިޓަލްތަކަށް އަލަމުންދާ ބޮންތަކުގެ ސަބަބުން ކުޑަކުދިންނާއި ދުވަސްވީ މީހުން ފިހި އަނދާ ހުލިވާއިރު ވެސް ޔަހޫދީން ބުނާ ގޮތުން އެ މީހުންގެ ހަމަލާއެއްގައި އެހާ ގިނަ ބަޔަކު މަރެއް ނުވާނެ އެވެ.