ދުނިޔެ

އިންޒާރުދޭނެ ކަމެއް ނެތް، އީރާން ދެކެ ބިރެއް ނުގަނޭ: ޔަހޫދީން

ޣައްޒާއަށް އެއްގަމު މަގުން ނާރަން ގޮވާލައި އިންޒާރު ދޭން އީރާނަކީ ކޮންބައެއްތޯ ޔަހޫދީ އަސްކަރީ އޮފިޝަލުން ސުވާލުކޮށްފި އެވެ.

ޔަހޫދީ އަސްކަރީ ޖެނެރަލުން މި ސުވާލު އުފައްދާފައި މިވަނީ، ޣައްޒާއަށް އެއްގަމު މަގުން އަރައިފިނަމަ މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް އީރާންގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާން ވިދާޅުވެފައި ވަނިކޮށެވެ.

ޔަހޫދީ ދައުލަތަކީ އެ މީހުން ދައުވާކުރާ ގޮތުގައި ބާރުގަދަ އަދި ނުރައްކާތެރި ބައެކެވެ.

ޔަހޫދީން ކަންކުރާނީ އެ މީހުންނަށް ފެންނުނު ގޮތަށް ކަމަށާއި ކުށެއްގެ ތުހުމަތަށް ހާޒިރުކުރެވޭނެ އެއްވެސް ކޯޓެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ނުހުންނާނެ ކަމަށް ޔަހޫދީ ދިފާއީ ވަޒީރު ކުރިން ވިދާޅުވި އެވެ.

ޔަހޫދީ ދައުލަތަށް ގޮންޖަހައި އަސްކަރީ ގޮތުން ބަލިކުރެވޭ ވަރުގެ ގައުމެއް މެދުއިރުމަތީގައިވެސް ނެތް ކަމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ވަނީ ވިދާޅުވެފަ އެވެ.

ހުސައިން އަމީރު އަބްދުއްލަހިޔާން ވިދާޅުވި ގޮތުގައި ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތައް ޣައްޒާގެ ދިފާއުގައި ނުކުންނާނެ ކަމަށާއި މިކަމަށް އޮތް ޝައުގުވެރިކަން ބޮޑު ކަމަށެވެ.

ޔަހޫދީ ސިފައިން ޣައްޒާއަށް އަރައިގެންފިނަމަ އެއީ ހަނގުރާމަވެރި ގުރޫޕްތަކަށް ދެވޭ ދައުވަތެއް ކަމަށް ގަބޫލުކުރައްވާނެ ކަމަށްވެސް އީރާންގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ.

ޣައްޒާއަށް އަރައިގަތުމަށް ޔަހޫދީ އަސްކަރިއްޔާ މިހާރު ތައްޔާރުވެފައި އޮތް ވަރަށް ބަލާއިރު -- ތަޖުރިބާކާރުން ވިދާޅުވަނީ ޣައްޒާ ނުހިފައި ޔަހޫދީން މައިތިރި ނުވާނެ ކަމަށެވެ.

ޔަހޫދީންނަކީ ބަޔަކު ދޭ ނަސޭހަތެއް ގަބޫލުކުރާ ބައެއް ނޫން ކަމަށާއި އިންޒާރެއް ދިނަސް އޭގެ މައްޗަށް މޮޅުވެގަތުމަކީ އެ މީހުންގެ ކަށީގައި ހިފާފައި ހުރި ނުބައި އާދައެއް ކަމަށްވެސް މެދުއިރުމަތި މޮޅަށް ދަންން މީހުން ބުނެ އެވެ.

މި މަހު ހަތްވަނަ ދުވަހު ހަމާސްގެ އަސްކަރިއްޔާ އިން ޔަހޫދީ އާބާދީތަކަށް ވަދެގަނެ ޔަހޫދީ ދައުލަތަށް ދިން ހަމަލާތަކަށް ބަދަލުހިފުމަށް ޔަހޫދީން މިހާރު ތިބީ ކެތްމަދުވެފަ އެވެ. ބަދަލުހިފުމުގެ ގޮތުން ޣާއްޒާއަށް ބޮންއަޅައި އިމާރާތްތަކަށް ރޮކެޓް ހަމަލާދީ ވަނީ ބިމާ ހަމަކޮށްފަ އެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން 2،808 މީހުން ވަނީ މަރުވެފަ އެވެ. އަދި 10،859 މީހުންނަށް އެކިވަރުގެ ޔަނިޔާތައް ވަނީ ލިބިފަ އެވެ.