ދުނިޔެ

ޔަހޫދީ ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގަންނަނީ

ޔަހޫދީ އަސްކަރިއްޔާއިން އެކްސްގައި ކޮށްފައި އޮތް ޕޯސްޓެއް ބުނާ ގޮތުން ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ވަނީ ނިމިފަ އެވެ.

ޣައްޒާއަށް އެއްގަމު މަގުން ޔަހޫދީ ސިފައިން ޓޭންކްތަކުގައި އާއި އަސްކަރީ ވެހިކަލްތަކުގައި އަރައިގަންނައިރު، ފައިމަގުގައި އަސްކަރީ ޓީމުތަކެއް ކޮޅުކޮޅަށް ދެމިގަންނާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުން އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމުގެ ބޭނުމަކީ ފިލާތިބި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އަތުލުމެވެ.

ނަތަންޔާހޫ ކުރިން ވިދާޅުވި ގޮތުން ކަކުނިހަރެއްގައި ހަނގުރާމަވެރިއަކު އޮތް ނަމަވެސް ދަމާކޫއްތާފައި ނެރޭނެ އެވެ.

ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމުގެ އަނެއް ބޭނުމަކީ ހަމާސްއިން ރަހީނުކުރި ޔަހޫދީން އަތުލުން ކަމަށްވެސް ވަނީ ބުނެފަ އެވެ. ޔަހޫދީ އަސްކަރިއްޔާ އިން ބުނާ ގޮތުން އެ މީހުން އަތުލާނީ ތިބި ތަނަކަށް ފައިމަގުގައި ގޮހެވެ.

ޔަހޫދީ ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމުގެ ކުރިން މިހާރު ކުރިއަށް ގެންދަނީ ތަން ސާފުކުރަން ދޭ ހަމަލާތަކެކެވެ.

ޔަހޫދީ އަސްކަރީ ޖެޓުތަކުން ޣައްޒާގެ އެކި ތަންތަނަށް ބޮން އަޅައި މިސައިލުން ދޭ ހަމަލާތަކަކީވެސް -- ޔަހޫދީން ބުނާ ގޮތުން ހަމާސް ނައްތާލަން ދޭ ހަމަލާތަކެކެވެ.

ނަމަވެސް ޔަހޫދީންގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުވަނީ ޣައްޒާގެ އާންމު ރައްޔިތުންނަށެވެ. މީގެތެރޭގައި ތުއްތު ކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެ އެވެ.

ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމަކީ ޔަހޫދީ ދައުލަތުން ތަންފީޒުކުރަން އޮތް މަރުހަލާތައް ފަށައިގަތުމެވެ. އެއަށްފަހު ޣައްޒާއަށް ހަދާނެ ގޮތް ނިންމާނީ ޔަހޫދީ ކެބިނެޓުން -- ހަނގުރާމައަށް ޓަކައި ހާއްސަކުރި އުސޫލުތަކުގެ ތެރެއިން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ޣައްޒާއަށް ދޭން ހުރި ހަމަލާތަކާއި ޔަހޫދީން ރާވާފައި ހުރި ރޭވުންތައް ނިމޭއިރު، މިހާރު އެ އޮތް ޣައްޒާ ފެންނަން ނޯންނާނެ ކަމަށްވެސް ޔަހޫދީ ބޮޑުވަޒީރު ވިދާޅުވި އެވެ. ޣާއްޒާ އޮތް ތަނުގައި އޮންނާނީ ހުސް ބިމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.