ޔަހޫދީ ސިފައިން ފަލަސްތީންގެ ހުޅަނގު އައްސޭރިއަށް އަރައިގަނެ ހަމާސްގެ ތަރުޖަމާނަކު ހައްޔަރުށްފި އެވެ.
ޔަހޫދީ ސެކިއުރިޓީ އެޖެންސީ -- ޝިން ބެޓުން ބުނާ ގޮތުން ހައްޔަރުކޮށްފައިވަނީ ހަސަން ޔޫސުފް ނަމަކަށް ކިޔާ މީހެކެވެ.
ހަސަން ޔޫސުފަކީ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ހަމާސް ގޮފީގެ ތަރުޖަމާން އެވެ.
ޔަހޫދީން ބުނާ ގޮތުން އޭނާ ހައްޔަރުކުރީ ހަމާސްއަށް ތާއީދުކޮށް ހުޅަނގު އައްސޭރީގައި ވަކާލަތުކުރާތީ އެވެ.
ފަލަސްތީންގެ ގާނޫނު ހަދާ ކައުންސިލްގެ މަގާމުވެސް ހަސަން ޔޫސުފް އަދާކުރާ ކަމަށްވެ އެވެ.
ޔަހޫދީ ސިފައިން ފަލަސްތީނަށް އެއްގަމު މަގުން ޓޭންކްތަކާ އެކު އަރައިގަތުމަށް ތައްޔާރުވަމުން އަންނައިރު، ހުޅަނގު އައްސޭރީގައި އަދި ޔަހޫދީ އާބާދީތަކާ ކައިރި ފަލަސްތީންގެ އަވަށްތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
އަސްކަރީ ގޮތުން ޣައްޒާއަށް އަރައިގަތުމަށް މަގުފަހިކުރުމަށް ޔަހޫދީ ސިފައިންނާ ފުލުހުން މަގުސާފުކުރަމުންދާއިރު ޣައްޒާއަށް ވައިގެ މަގުންވެސް ހުއްޓިނެތި ދަނީ ހަމަލާތައް ދެމުންނެވެ.
ޔަހޫދީ އަސްކަރިއްޔާއަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޣައްޒާގެ ބޭރުން -- ލުބުނާނުންނާއި ޔަމަނުންވެސް ޔަހޫދީ އާބާދީތަކަށް ހަމަލާދޭން ފެށުމެވެ.
ޔަހޫދީ އަސްކަރިއްޔާގެ ތަަރުޖަމާނަކު ހަބަރަށް ވިދާޅުވި ގޮތުގައި ބޭރުތެރެއިން އަންނަ ހަމަލާތައް އެ މީހުންނަށް ބޮޑު ކަމަކަށް ނުވެ އެވެ. އަދި އެއްފަހަރާ އެތައް އަމާޒަކަށް ހަމަލާދީނުމުގެ ގާބިލުކަން ޔަހޫދީ އަސްކަރިއްޔާއަށް ލިބިފައިވާ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
ހަމާސްގެ ހަނގުރާމަވެރިން އޮކްޓޯބަރު ހަތެއްގައި ޔަހޫދީ އާބާދީތަކަށް ހަމަލާތަކެއް ދިން ފަހުން ޔަހޫދީ އަސްކަރިއްޔާއިން ދަނީ މުޅި ޣައްޒާ ސުންނާފަތި ކުރަމުންނެވެ.
އަންގާރަ ދުވަހު ޣާއްޒާގެ ހޮސްޕިޓަލަކަށް ޔަހޫދީ ޖެޓުތަކުން ދިން މިސައިލް ހަމަލާއެއްގައި މަރުވި މީހުން 500 އަށް އަރާނެ ކަމަށް ބެލެވިފައިވާއިރު، ހަމާސް އިން ހިންގާ ހެލްތު މިނިސްޓްރީން ބުނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އަދިވެސް އެތައް ބަޔަކު ތިބި ކަމަށެވެ.
ޔަހޫދީންގެ ހަމަލާތަކުގައި ވަރަށް ގިނަ އަދަދަކަށް ކުޑަކުދިން ވެސް ވަނީ މަރުވެފަ އެވެ. އަދި ހިނގާބިނގާވެ އުޅެން އުނދަގޫ އެތައް ބަޔަކު ވެސް ވަނީ މަރުވެފަ އެވެ.
ޔަހޫދީންގެ ހަމަލާތައް ބައިނަލްއަގްވާމީ ޖަމާއަތްތަކުން ކުށްވެރި ކުރި ނަމަވެސް، ޔަހޫދީން ބުނަނީ ބޭނުން ތަނަކަށް ހަމަލާދޭނެ ކަމަށެވެ. އެހެނެކޭ ކިޔާފައި ގެންދެވޭނެ އެއްވެސް ކޯޓެއް، ހުރަގެއެއް ނުހުންނާނެ ކަމަށެެވެ.