ދުނިޔެ

އިޒުރޭލާއި ހަމާސްގެ ވެރިން ހައްޔަރުކުރާ މައްސަލައިގެ ތެރެއަށް އިތުރު ބަޔަކު ވަންނަނީ

ޣައްޒާ ހަނގުރާމައާއި ގުޅުންހުރި ކުށްވެރިތަކެއް ހައްޔަރުކުރަން ތާއީދުކޮށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުް (އައިސީސީ) އަށް ހުށަހެޅި 64 ހުށަހެޅުމެއް ބަލައިގެންފި ކަމަށް އެ ކޯޓުން ބުނެފި އެވެ.

މިއީ އައިސީސީގެ އިސް ފަނޑިޔާރު ކަރީމް ޚާން ހުށަހަޅުއްވާފައި އޮތް މައްސަލައަށް ތާއީދުކޮށް އަދި އެ މައްސަލަތައް ކޯޓުގައި ހިނގަމުންދާއިރު ބަސްބުނުމަށް އެދި ހުށަހެޅި އިތުރު ހުށަހެޅުން ތަކެކެވެ.

ކަރީމް ޚާން ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައި އޮތީ އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް އަދި ހަމާސްގެ ވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

މި މައްސަލައިގެ ތެރެއަށް ވަނުމަށް އެދިފައި އޮތީ އެމެރިކާ، ޖަރުމަން، ފަލަސްތީން، ނޯވޭ، އަޔަލޭންޑް، ޗެކް ރިޕަބްލިކް، ސްޕޭން، ބްރެޒިލް، އާޖެންޓިނާ، ދެކުނު އެފްރިކާ، ބަންގަލަދޭޝް، ބޮލީވިއާ، ކޮލަމްބިއާ، ޗިލީ އަދި މެކްސިކޯ އެވެ. މީގެ އިތުރުން ކޮމޮރޯސް، ކޮންގޯ އަދި ދިބޫޗީ ވެސް ހިމެނެ އެވެ.

އިސްލާމިކް ކޯޕަރޭޝަން އޮގަނައިޒޭޝަނާއި އަރަބި ލީގު އަދި ފަލަސްތީނަށް ތާއިދުކުރާ ބައެއް ސަޚުސިއްޔަތުތަކުން ވެސް ވަނީ މި މައްސަލައިގެ ތެރެއަށް ވަނުމަށް އެދިފަ އެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަކީ އދގެ އިރުޝާދުގެ ދަށުން ހިންގާ ކޯޓެއް ނަމަވެސް އދ އަކީ އައިސީސީގެ ބެލެނިވެރިޔާއެއް ނޫނެވެ. މިހެންކަމުން އައިސިސީން ނެރޭ އެއްވެސް އަމުރެއް އެއީ އދގެ ނިންމުން ކަމަށް ބެލެވޭކަށް ނޯވެ އެވެ.

އައިސީސީ އިން ނެރޭ އަމުރުތަކާ މެދު އދއަށް ދެވެނީ އިރުޝާދެކެވެ. ބައިނަލްއަގްވާމީ މިންގަނޑަކުން ހުރިހާ ގައުމަކުން ބަލައިގަތުން މަޖޫރު ބުނުމެއް އދ އަކަށް ނުބުނެވެ އެވެ.