ދުނިޔެ

ޔަހޫދީންގެ އަމުރާ އެއްގޮތަށް ޣައްޒާއިން ނުފައިބައިފިނަމަ އެއީ ޓެރަރިސްޓެއް

ޔަހޫދީ އަސްކަރިއްޔާއިން އުތުރު ޣައްޒާއަށް ހަމަލާދޭން ބޭނުންވާ ސަރަހައްދުތައް ވަކިކޮށް މިހާރު އޮތީ އާންމުނަށް އިންޒާރު ދީފަ އެވެ. އެއީ އެ ސަރަހައްދުތައް ދޫކޮށް ޣައްޒާގެ ދެކުނަށް ހުރިހާ އެންމެން ބަދަލުވުމެވެ.

ޔަހޫދީންގެ މި އަމުރަކީ ހަމާސް ނައްތާލުމަށްޓަކައި ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމަށް ދިން އިންޒާރެކެވެ.

ޔަހޫދީންގެ މި އިންޒާރު އަނެއްކާވެސް ވަނީ ތަކުރާރުކޮށްފަ އެވެ. މި އިންޒާރުގައިވާ ގޮތުން ޣައްޒާއިން ފައިބަން ބޭނުންނުވާ މީހުންނާ މެދު ޔަހޫދީ އަސްކަރިއްޔާ އިން އަމަލުކުރާނީ ޓެރަރިސްޓުންނަށް ވާގިވެރިވާ މީހުންގެ ގޮތުގަ އެވެ.

ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމަށް ޔަހޫދީ އަސްކަރިއްޔާ އިން ކަނޑައަޅާފައި އޮތް ވަގުތު ޖެހެމުން އަންނައިރު ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންޒާރުދިނުމަށް މަތިންދާބޯޓުތަކުން ވަނީ އިންޒާރީ ނޯޓުތަކެއް ބިމަށް ވެއްޓޭނޭހެން ވައިގެ ތެރެއަށް ދޫކޮށްލާފަ އެވެ.

މި ނޯޓުތަކުގައި ބުނާ ގޮތުން ޔަހޫދީންގެ ހަމަލާއެއްގައި ލިބިދާނެ ބޮޑު ގެއްލުމަކުން ރައްކާތެރިވާން އެދޭ މީހަކުނަމަ ޣައްޒާގެ ދެކުނަށް ޖެހެންވީ އެވެ.

ޣައްޒާގައި ތިބެއްޖެނަމަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށާއި ނުފައިބައިފިނަމަ އެއީ ހަމާސްއަށް ތާއީދުކުރާ މީހުން ކަމަށް ބަލާނެ ކަމަށްވެސް ނޯޓުތަކުގައި ބުނެފައިވެ އެވެ.

ޔަހޫދީ އަސްކަރިއްޔާއިން ހުސްކުރަން އިންޒާރުދޭ ތަންތަނުގެ ތެރޭގައި އެންމެ ގިނައީ ހޮސްޕިޓަލްތަކެކެވެ. މިގޮތުން އުތުރު ޣައްޒާގައި ހުރި 20 ހޮސްޕިޓަލެއް ހުސްކުރަން އޮތީ އަމުރުކޮށްފަ އެވެ. މީގެތެރޭގައި އަލް ޤުދުސް ހޮސްޕިޓާވެސް ހިމެނެ އެވެ.

ޔަހޫދީން މި އިމާރާތްތައް ހުސްކުރަން އިންޒުދޭ ސަބަބަކީ ބޮންއެޅުމެވެ. ޔަހޫދީ އަސްކަރިއްޔާއިން ބުނާ ގޮތުން ހަމާސްއިން ހަތިޔާރާއި ގޮވާތަކެތި ރައްކާކުރަނީ ހޮސްޕިޓަލްތަކުގައެވެ. ސްކޫލްތަކާއި މިސްކިތްތަކަކީ ވެސް ހަމާސްގެ ނިވައިފަތްގަޑެއް ކަމަށް ޔަހޫދީން ބުނެ އެވެ.

ޣައްޒާ އާއި ޔަހޫދީ ދައުލަތާ ދެމެދު މިހާރު ފެށިގެން އުޅޭ ހަނގުރާމައިގެ އަސްލަކީ ހަމާސް އެވެ.

ހަމާސްއިން ވަނީ އޮކްޓޯބަރު ހަތްވަނަ ދުވަހު ޔަހޫދީ އާބާދީތަކަށް ވަދެގަނެ ބަޔަކު މަރާލާފަ އެވެ. އަދި 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ވެސް ވަނީ ހިފަހައްޓާފަ އެވެ.

ޔަހޫދީ އާބާދީތަކަށް ހަމާސްއިން ދިން ހަމަލާތަކާ ގުޅިގެން ޔަހޫދީ ފައިޓަރު ޖެޓްތަކުން ޣައްޒާއަށް ހަމަލާދެނީ ގޮތެއްފޮތެއް ނުބަލަ އެވެ.

ޔަހޫދީން މިފަހަރު ދިން އެންމެ ބޮޑު ލާއިންސާނީ ހަމަލާއަކީ ޣައްޒާގެ ހޮސްޕިޓަލަކަށް ބޮންއަޅައި ގާތްގަނޑަކަށް 500 މީހުން މަރާލުމެވެ.