ޣައްޒާގެ އައްޝިފާ ހޮސްޕިޓަލުގެ އައިސީޔޫއަށް ޔަހޫދީ ޖެޓުތަކުން ބޮން އަޅަފި އެވެ. މި ހާދިސާގައި ޑިއުޓީގައި ތިބި މުވައްޒަފުންގެ އިތުރުން އައިސީޔޫގައި އެޑްމިޓްކޮށްފައި ތިބި ތުއްތު ކުދިންނަށް ވެސް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ސީނާއާ ޑޮކްޓަރަކު ބުންޏެވެ.
ޝިފާ ހޮސްޕިޓަލަށް ބޮންއެޅުމުގެ ސަބަބުން ކަރަންޓް ކަނޑައިގެން ދިއުމުގެ އިތުރުން ބަލިމީހުންނަށް ދޭން ހުރި އޮކްސިޖަން ސިލަންޑަރުތައް ގޮވާފައިވާ ކަމަށް ހޮސްޕިޓަލުގެ ސީނިއާ މުވައްޒަފުން ބުންޏެވެ.
ހޮސްޕިޓަލަށް ބޮންއަޅަން ފެށުމުން ޖާނު ސަލާމަތްކުރުމަށްޓަކައި މަގުމައްޗަށް ނުކުތް މީހުންގެ ގަޔަށް ވެސް ބޮންއަޅައި މަރާފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.
އައްޝިފާ ހޮސްޕިޓަލަށް ޔަހޫދީން ޖެޓުތަކުން ބޮންްއަޅަނީ، ހޮސްޕިޓަލުގެ ބިމު އަޑީގައި ބިންގަރާސް ހަދައިގެން ހަމާސްގެ ހަނގުރާމަވެރިން ފިލާ ތިބި ކަމަށް ބުނެ އެވެ.
ޔަހޫދީ އަސްކަރިއްޔާއިން މިހާރު އެއްގަމު މަގުން ޣައްޒާއަށް އަރައިގެންފައި ވާއިރު، ވައިގެ މަގުން ދޭ ހަމަލާތަކަކީ ހަމާސްގެ ހުރި ނަމަ ހުރި ބާރުވެރިކަމެއް ނައްތާލުމަށް ދޭ ހަމަލާތަކެކެވެ. އެއަށް ފަހު އެއްގަމު މަގުން ޝިފާ ހޮސްޕިޓަލަށް އަދި މިފަދަ އެހެން ހޮސްޕިޓަލުތަކަށް ޔަހޫދީ ސިފައިން ބަރު ހަތިޔާރާ އެކު ވަންނާނެ ކަމަށް ވަނީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔަހުދީ ސިފައިން ވަނީ ހަމާސްގެ ބިންގަރާސްތަކަށް ވަދެވެން ހުރި ގޮތެއްތަކެއް ހޯދާފަ އެވެ. ނަމަވެސް، ބިންގަރާސް ތެރޭގައި އަދި ހަނގުރާމަ ފެށި ކަމެއް ނުބުނެ އެވެ.
ޝިފާ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުން، ހޮސްޕިޓަލުގެ ގޯތިތެރޭގައި -- އެއް އިމާރާތުން އަނެއް އިމާރާތަށް ދިއުމަށް ހާޖަތެއް ޖެހިގެން ދާ މީހުންނަށް ވެސް ޔަހޫދީން ހަމަލާދެ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުން މޯޗަރިތައް ފުރިބާރުވެ ގަބުރުތައް ލާނެ ތަނެއް ނެތުމުގެ ސަބަބުން ބަލިމަޑުކަމެއްގެ ބިރު ވެސް އޮތީ ބޮޑުވެފަ އެވެ.
ޔަހޫދީން އެހާ ވަރަށް ބޮންއަޅަނިކޮށް އަދި ބޭރަށް ނުކުންނަ ކޮންމެ މީހަކަށް ހަމަލާދެނިކޮށް ގަބުރުތައް ވަޅުލާނެ ގޮތެއް ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޝިފާ ހޮސްޕިޓަލު ވަށައިގެން ޔަހޫދީ ޓޭންކަރުތައް ރުކުރުވާލާފައިވާ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ވެސް ކަށަވަރުކޮށްދެ އެވެ. ނަމަވެސް، ކަމާ ގުޅުމެއް ނެތް މީހުންނަށް ހަމަލާ ނުދޭ ކަމަށް ދޮގުވެރި ޔަހޫދީން ބުންޏެވެ.