ދުނިޔެ

ފަލަސްތީނުން ބައިނަލްއަގްވާމީ ނިއުކްލިއާ އިދާރާއަށް

ފަލަސްތީންގެ ޣައްޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލުމަކީ ޔަހޫދީންގެ އިޚުތިޔާރުގައި އޮތް ކަމެއް ކަމަށް ވިދާޅުވެ ޔަހޫދީ ހެރިޓޭޖް މިނިސްޓަރު ދެއްކެވި ވާހަކަތަކާ ގުޅިގެން ފަލަސްތީނުން ރަސްމީކޮށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އަށް ޝަކުވާ ހުށަހަޅައިފި އެވެ.

ފަލަސްތީންގެ ހާރިޖީ ވަޒީރު ރިއާޒް އަލްމާލިކީއާ ހަވާލާދީ ވަފާ ނޫސް އޭޖެންސީން ބުނި ގޮތުގައި އައިއޭއީއޭގެ ޑައިރެކްޓަރު ޖެނެރަލް ރަފައެލް މާރިއާނޯ ގްރޮސީއަށް ރަސްމީކޮށް ޔަހޫދީންގެ މައްސަލަ ހުށަހަޅަން ޖެހުނު ސަބަބަކީ ޣައްޒާއަށް ނިއުކްލިއާ ބޮމެއް އަޅާނެ ކަމަށް ބުނެ ނުފޫޒުގަދަ ބަޔަކު ވާހަކަދެއްކުމަކީ ބިރުބޮޑު އަދި ޓެރަރިޒަމްގެ އަމަލަކަށް ވާތީ އެވެ.

ޔަހޫދީ ދައުލަތުގެ ވެރިޔަކު މިފަދަ ބިރުވެރި ހަތިޔާރަކުން ހަމަލާދޭނެ ކަމަށް ވިދާޅުވެ އިންޒާރު ދިނުމުން ދުނިޔެއަށް ފާޅުވެގެން ދިޔަ އަނެއް ކަމަކީ، ވަޒީރު ވިދާޅުވި ގޮތުގައި ޔަހޫދީންގެ އަތުގައި ނިއުކްލިއާ ހަތިޔާރު ހުރި ކަމާއި ތަންތަން ސުންނާފަތިކުރެވޭ ވަރުގެ ހަތިޔާރުވެސް ހުރި ކަމެވެ.

ނުސީދާކޮށް ނަމަވެސް ޔަހޫދީ ދައުލަތުގެ ވެރިއަކަށް އެ އެއްބަސްވެވުނީ ފަނާކުރަނިވި ހަތިޔާރު ލިބިގެންފައިވާކަން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ

ދުނިޔޭގެ ނިއުކްލިއާ ހާލަތާ ބެހޭ ގޮތުން އދއަށް މަޝްވަރާދޭ އިދާރާއަށް ފަލަސްތީނުން ޝަކުވާ ހުށަހަޅަން ޖެހުނީ ފަލަސްތީނަކީ ބޯހިޔާވަހިކަމެއް ނެތް އެތައް މިލިއަން ރެފިއުޖީންނެއް ދިރިއުޅޭ ފަގީރު މުޖުތަމައަކަށް ވާތީ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ޔަހޫދީންގެ ހެރިޓޭޖް މިނިސްޓަރު ހަޔޫދީ މީޑީއާއަށް ދެއްވި އިންޓަވިއުއެއްގައި ޣައްޒާއިން ހަމާސްގެ ބާރުތައް ދުއްވައި ނުލެވިއްޖެނަމަ ދެން އޮންނާނެ އިޚުތިޔާރަކީ ޣައްޒާއަށް އެޓޮމިކް ބޮމެއް އެޅުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އޭނާގެ މި އިންޒާރާ ގުޅިގެން ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހެރިޓޭޖް މިނިސްޓަރަކީ ހަނގުރާމައިގެ ހާލަތު ވިލަރެސްކުރުމަށް ޔަހުދީ ސަރުކާރުން ކަނޑައަޅާފައި އޮތް ސެކިއުރިޓީ ކެބިނެޓްގައި ހިއްސާއެއް އޮންނަ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ހެރިޓޭޖް މިނިސްޓަރަކީ އެއްވެސް ހައިސިއްޔަތަކުން ޔަހޫދީންގެ އަސްކަރިއްޔާއަށް އިރުޝާދު އެރުވޭ ފެންވަރުގެ ބޭފުޅެއް ނޫން ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

ޔަހޫދީންގެ މި އިންޒާރާ މެދު ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ފާޑުވެސް ކިޔާފަ އެވެ.

ޣައްޒާއަކީ ހަތަރު ފަރާތުން ބައްދައި ހައްގުތަކުން އެކަހެރިކޮށްފައި އޮތް އާބާދީއަކަށް ވެފައި، އެ ފަދަ ހާލަތެއްގައި ތިބި ބަޔަކަށް ނިއުކްލިއާ ހަމަލާދިނުމަކީ ޔަހޫދީން ހާދަ ގޮތެއް ނެތްކަން ސާބިތުކޮށްދޭ ކަމެއް ކަމަށް ވެސް ދަނީ ބުނަމުންނެވެ.