ދުނިޔެ

"ދެން އޮތް ގޮތަކީ ޣައްޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލުން"

ޒަޔޮނިސްޓް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސަރުކާރެއް އެކުލަވާލެއްވުމަށް ކަނޑައެޅުއްވި ކެބިނެޓްގައި، ހެރިޓޭޖް މިނިސްޓަރުގެ މަގާމު އަދާކުރައްވާ އަމިޗާއީ އެލިޔާހޫ ދެކެވަޑައިގަންނަވާ ގޮތުގައި ޣައްޒާއާ މެދު ދެން އަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ނިއުކްލިއާ ބޮމެއް ވައްޓާލުމެވެ.

ޔަހޫދީ ނޫސްތަކުން ހެރިޓޭޖް މިނިސްޓަރާ ހަވާލާދެއްވައި ބުނެފައިވާ ގޮތުން ޣައްޒާއަށް އެޓޮމިކް ބޮމެއް ވައްޓާލުމަކީ އަސްކަރިއްޔާއަށް އޮތް އިޚުތިޔާރެކެވެ.

އޭނާ ދެއްކެވި ވާހަކަތަކުން ދޭހަވަނީ ނަތަންޔާހޫގެ ކެބިނެޓްގައި -- ޣައްޒާއަށް ނިއުކްލިއާ ބޮން އެޅުމާ މެދު މަޝްވަރާކުރެވުނު ކަމެވެ. ނަމަވެސް ނަތަންޔާހޫގެ ސަރުކާރުން މިކަން ކުށްވެރިކޮށް ހެރިޓޭޖް މިނިސްޓަރަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޔަހޫދީ ނޫސްތައް ބުނެ އެވެ.

ޔަހޫދީ ސަރުކާރުގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން ހަނގުރާމައިގެ ހާލަތަށް ހާއްސަކޮށް އުފައްދާފައި އޮތް ސެކިއުރިޓީ ކެބިނެޓްގައި ހެރިޓޭޖް މިނިސްޓަރުގެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ އެވެ.

ސެކިއުރިޓީ ކެބިނެޓްގައި މަޝްވަރާކުރެވޭ އެއްވެސް ކަމެއްގެ މައުލޫމާތު އޭނާއަށް ފޯރާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ޔަހޫދީންގެ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި، ޣައްޒާއަށް ނިއުކްލިއާ ބޮމެެއް އެޅުމާ މެދު ދެކެވަޑައިގަންނަވާ ގޮތާ މެދު ނޫސްވެރިޔާ ސުވާލުކުރުމުން ހެރިޓޭޖް މިނިސްޓަރު ވިދާޅުވީ އެއީ އަސްކަރިއްޔާގެ އިޚުތިޔާރުގައި އޮތް ކަމެއް ކަމަށެވެ.

ޣައްޒާއަށް ނިއުކްލިއާ ބޮމެއް އަޅަން ޖެހުމަކީ ކުރަން ޖެހިދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ނަތަންޔާހޫގެ ހައްދުފަހައަޅާފައި އޮތް ސަރުކާރުން ބުނަނީ ޣައްޒާއަށް ނިއުލްކިއާ ބޮން އެޅުމާ މެދު މަޝްވަރާވެސް ކުރެވިފައި ނުވާ ކަމަށެވެ.

ޔަހޫދީންނަކީ އޮޅުވާލުން ބޮޑު އަދި ގޮތެއްކަން ވެސް ނޭނގޭހާ މޮޅަށް ދޮގުހަދަން ދަންނަ ބައެކެވެ. މިހެންކަމުން ކެބިނެޓުގައި ކުރެވޭ މަޝްވަރާތައް އޮޅުވާލުން ޔަހޫދީންނަށް އެއްވެސް ކަމަކަށް ނުވާނެ އެވެ.

ނަތަންޔާހޫ މި ފަހަރު ވެރިކަމަށް ވަޑައިގެން އެކުލަވާލި ކެބިނެޓާ މެދު ކުރިންވެސް ބުނެވިފައި އޮތީ ދުނިޔެ ދެކޭނެ އެންމެ އަނިޔާވަރި ކެބިނެޓަށް -- ސަރުކާރަށް ވާނެ ކަމަށެވެ.

ޔަހޫދީންގެ ހުރި ނުބައިކަމާއި އަނިޔާވެރިކަން އެންމެ ބޮޑަށް ތަހައްމަލް ކުރަން ޖެހިފައިވަނީ ފަލަސްތީންގެ ރައްޔިތުންނަށެވެ.

ފަލަސްތީންގެ ބިންތަކަށް ވަގަށް އަރާތިބެ މުސްލިމުން ލޭބުއިން ނޫން ކަމެއް ނުކުރެ އެވެ.