ދުނިޔެ

އެމެރިކާގެ ނިއުކްލިއާ ސަބްމެރީނެއް މެދުއިރުމައްޗަށް

އެމެރިކާއިން މެދުއިރުމައްޗަށް ނިއުކްލިއާ ސަބްމެރީނެއް ފޮނުވަނީ އެވެ. މި ދަނޑިވަޅުގައި ނިއުކްލިއާ ސަބްމެރީނެއް އެ ސަރަހައްދަށް ފޮނުވުމުގެ ބޭނުމަކީ އަރަބިންނަށް ބިރުދެއްކުމެވެ.

ފަލަސްތީންގެ ޣައްޒާއަށް ޔަހޫދީން ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކަށް ތާއީދުކޮށް އެމެރިކާއިން މިހާރު ވެސް ވަނީ މަތިންދާބޯޓު އުފުލާ ދެ މަނަވަރެއް، މެދުއިރުމައްޗަށް ފޮނުވާފަ އެވެ.

އެމެރިކާ ބުނާ ގޮތުން އެއީ ހަމާސްގެ ކިބައިން ޔަހޫދީން ސަލާމަތްކުރުން އެމެރިކާއަށް ވާޖިބުވެފައި އޮތަތީ އެޅި ފިޔަވަޅެކެވެ.

މަތިންދާބޯޑު އުފުލާ ދެ މަނަވަރު މެދުއިރުމައްޗަށް ފޮނުވުމުގެ އިތުރުން، ޣައްޒާއަށް ޔަހޫދީން ދެމުން ގެންދާ ހަމަލާތަކުގައި އެމެރިކާ ސިފައިން އަމަލީ ގޮތުން ބައިވެރިވާ ކަމުގެ ވާހަކަތައްވެސް ނޫސްވެރިން ދައްކަ އެވެ.

އަނެއްކޮޅުން ޣާއްޒާ މަތިން ޑްރޯންތައް ދުއްވައި ޖާސޫސީ މައުލޫމާތު އެއްކޮށް ޔަހޫދީންނަށް އެއްބާރުލުމުގައި އެމެރިކާ ދެމިއޮންނާނެ ކަމަށް އެ ގައުމުގެ ރައީސް، ޖޯ ބައިޑަން ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ނިއުކްލިއާ ސަބްމެރީނެއް މެދުއިރުމައްޗަށް މިސްރާބުޖަހާފައި ވާއިރު، ޔަހޫދީ ކެބިނެޓްގެ ހެރިޓޭޖް މިނިސްޓަރު ވަނީ ޣައްޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ޔަހޫދީންނަކީ ނިއުކްލިއާއަށް ފަރިތަ އަދި ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރެވިދާނެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔަހޫދީ ސިފައިން ޣައްޒާއަށް އެއްގަމު މަގުން އަރައި ހަމާސް ބަލިނުކުރެވިއްޖެ ހާލަތަކަށް ހިނގައްޖެ ނަމަ، މުޅި ސަރަހައްދުގެ ޒަމާން ދުއްވާލުމަށް ދެން އޮންނާނެ އިޚުތިޔާރަކީ ނިއުކްލިއާ ކަމަށް ދޭހަވާ ގޮތަށް ހެރިޓޭކް މިނިސްޓަރު ވާހަކަދެއްކެވި އެވެ.

ނަމަވެސް، ޔަހޫދީންގެ ޒަޔޮނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުން ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމާ މެދު އޭނާގެ ސެކިޔުރިޓީ ކެބިނެޓްގައި ވާހަކަދައްކައި މަޝްވަރާކޮށްފައެއް ނުވާނެ އެވެ.

ނަތަންޔާހޫ ވިދާޅުވީ ޔަހޫދީ ސިފައިން ހަމަލާތައް ދެމުން ގެންދަނީ އާންމުންނަށް ވިވަރަކުން ގެއްލުން ނުވާނެ އެންމެހައި ގޮތްތައް ބަލަމުން ކަމަށެވެ. އަދި ނިއުކްލިއާ ބޮމަކީ ޣައްޒާއަށް ވައްޓާލުމަށް އަދި ހާޖަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.