ދުނިޔެ

ފަލަސްތީންގެ ދައުލަތަކަށް އިޒުރޭލު ނޫން ބަޔަކު ދެކޮޅެއް ނޫން: އައްބާސް

އިޒުރޭލަކީ ފަލަސްތީންގެ ދައުލަތަކަށް ރުހޭނެ ބައެއް ނޫން ކަމަށް ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް ވިދާޅުވީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމާ ދެކޮޅަށް އިޒުރޭލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގަރާރު ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ހިލާފު ކަމަށެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮތުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އިޒުރޭލުގެ ގާނޫނު ހަދާ މަޖިލީސް -- ކްނެސެތަށް ޖުލައި 18، 2024 ގައި ގަރާރެއް ހުށަހެޅުނެވެ.

މި ގަރާރަށް ބަހުސްކުރި ގިނަ މެމްބަރުން ވިދާޅުވި ގޮތުން ފަލަސްތީނުން ހުޅަނގު އައްސޭރިގައި މިނިވަން ދައުލަތެއް އުފައްދައިފިނަމަ އެކަން ވެގެން ދާނީ އިޒުރޭލަށް ބިރު ބޮޑު ކަމަކަށް ކަމަށެވެ.

ފަލަސްތީންގެ ފަރާތުން އިޒުރޭލަށާއި އަދި އިޒުރޭލުގެ އާންމު ރައްޔިތުންނަށް އޮތް ނުރައްކާ މިހާރާށް ވުރެ ބޮޑުވާނެ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ. މި ހަމަނުޖެހުންތައް މުޅި ސަރަހައްދަށް ފެތުރި -- ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެގެން ދާނެ ކަމަށްވެސް ކްނެސެތުގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.

މި ގޮތުގައި ބަހުސްކުރުމަށް ފަހު ގަރާރު 68 މެމްބަރުންގެ ވޯޓާ އެކު ފާސްކުރި އެވެ. ފާސްކުރި ގަރާރުގައި އޮތީ ފަލަސްތީނަށް މިނިވަން ދައުލަތެއް އުފައްދަން އިޒުރޭލުގެ ގާނޫނު ހަދާ މަޖިލީހަށް ނުފެންނަ ކަމަށެވެ.

އައްބާސް ވިދާޅުވި ގޮތުން މި ގަރާރަކީ ބައިނަލްއަގްވާމީ ހުރިހާ އުސޫލަކާ ހިލާފު ގަރާރެއް ކަމަށެވެ. ފަލަސްތީނަށާއި އިޒުރޭލަށް މިނިވަން ދައުލަތެއް އޮންނަންވާނެ ކަމަށް ބުނެ ދުނިޔެ ގޮވާލާ ގޮވާލުމަށްވެސް މި ގަރާރު ހުރަސްއަޅާ ކަމަށް އައްބާސް ވިދާޅުވި އެވެ.

އިޒުރޭލުން ކިތަންމެ ހުރަހެއްއެޅި ނަމަވެސް ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުމަށް އެދި ބައިނަލްއަގްވާމީ މައިދާނުގައި ވަކާލާތުކުރައްވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

ދެ ދައުލަތުގެ އުސޫލުން ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުމަށް އދ އިން ފާސްކޮށްފައިވާ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

އައްބާސް އިތުރަށް ވިދާޅުވީ އިޒުރޭލުގެ މި ގަރާރުގެ ސަބަބުން އދއަށް ޝަކުވާ ހުށަހަޅާފައި ވާނެ ކަމަށެވެ. އދގެ އުސޫލުތަކުގެ މައްޗަށް އެއްވެސް ބަޔަކު ބަސްކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.