ދުނިޔެ

މަހްމޫދު އައްބާސް ޣައްޒާއަށް ވަޑައިގަތުމަށް ހުއްދަ ހޯދަނީ

މަހްމޫދު އައްބާސް ޣައްޒާއަށް ވަޑައިގަތުމަށް ބޭނުންވާ ހުއްދަތައް ހޯދުމަށް އެދި ޕަލަސްޓީނިއަން ނެޝަނަލް އޮތޯރިޓީ (ޕީއެންއޭ) އިން އިޒުރޭލުގެ އިދާރަތަކަށް ހުށަހަޅައިފި އެވެ.

އައްބާސް ޣައްޒާއަށް ވަޑައިގަންނަވާނެ ވަކި ދުވަހެއް އަދި ނޭނގެ އެވެ. ބެލެވޭ ގޮތުގައި ވަކި ތާރީހެއް ހަނޑައަޅާނީ އިޒުރޭލުގެ ކަމާބެހޭ އިދާރާތަކުން އައްބާސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުންނެވެ.

ޣައްޒާއަށް ވަޑައިގަންނަވާނެ ކަމަށް އައްބާސް ވަނީ މީގެ ކުރިން -- އޯގަސްޓް 15 ގައި ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައ ތަގުރީރުކުރައްވަމުން އިއުލާންކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ އަވަހާރަވެދާނެތީ ބިރުނުގަންނަ ކަމަށެވެ. ކޮންމެ ހާލަތެއްގައި ނަމަވެސް ޣައްޒާއަށް ދަތުރެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުގެ ފުރިހަމަ ހުއްދަ ލިބިގެން ނޫން ގޮތަކަށް ޣައްޒާއަށް ވަދެވަޑައިގަތުމަށް އައްބާސް ބޭނުމެއް ނުވެ އެވެ. އޭނާއާ ހަވާލާދީފައި ހުރި ހަބަރުތައް ބުނާ ގޮތުން ރަފާހް ބޯޑަރު ހުރަސްކޮށް އޭނާ ޣައްޒާއަށް ވަދެވަޑައި ނުގަންނަވާނެ އެވެ.

އައްބާސް އެދިވަޑައިގަންނަވަނީ އިޒުރޭލުގެ އަސްކަރީ ޗެކްޕޮއިޓަކުން ޣައްޒާއަށް ވަދެވަޑައިގަތުމަށް ކަމަށް ޕަލަސްޓީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ)ގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އަލްޝައިޚް ވިދާޅުވި އެވެ.

އިޒުރޭލުން އައްބާސްއަށް ހުއްދަދީފިނަމަ އެއީ އައްބާސްްއަށް ސިޔާސީ ގޮތުން ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ކުރިއެރުމަކަށް އަދި ބޮޑު ކާމީޔާބީއަކަށް ވާނެ ކަމަށް ބުނެވެ އެވެ.

މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި އައްބާސްގެ ދަތުރަށް އިޒުރޭލުން މިވަގުތު ހުއްދައެއް ނުދޭނެ އެވެ. އަދި ހުއްދަ ނުދިނުންވެސް ވާނީ އައްބާސްއަށް ލިބިވަޑައިގަންނަވާ ކާމިޔާބީއަކަށް ކަމަށް ބުނެވެ އެވެ.

އިޒުރޭލުން އައްބާސްއަށް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހުއްދަދީފިނަމަ އޭގެ މާނަ އަކީ ހަނގުރާމައަށްފަހު ޣައްޒާގެ ވެރިކަން ޕަލަސްޓީން އޮތޯރިޓީއާ ހަވާލުކުރަން އިޒުރޭލު ރުހޭކަން ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އައްބާސް ޣައްޒާއަށް ވަދެވަޑައިގަތުމަށް ހުއްދަ ދެއްވުމާއި ނުދެއްވުން އޮތީ ހަމައެކަނި އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންހާޔޫގެ އަތްޕުޅުގަ އެވެ.

އައްބާސްގެ މި އެދިވަޑައިގަތުމަށް ވަކި ގޮތެއް ނިންމަވާނީ ހަމައެކަނި ބޮޑުވަޒީރު ކަމަށްވެސް ސިޔާސީ ހަބަރުތައް ބުނެ އެވެ.