ދުނިޔެ

މި އަހަރުގެ ފިނި މޫސުމުގައި ޔޫރަޕް ގަނޑުވާނެ: ރަޝިއާ

ޔޫރަޕްގެ ގޮނޑިކޮއްކޮ ސަރުކާރުތަކުން އެމެރިކާއަށް ސަނާކިޔުމުގައި ތިބޭހާ ހިނދަކު ތިބެން ޖެހޭނީ ގަނޑުވެފައި ކަމަށް ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން ދިމިތުރީ މެޑްވެޑޭފް ވިދާޅުވެއްޖެ އެވެ.

މެޑްވެޑޭވް ވިދާޅުވީ ޔޫރަޕްގެ އިއްތިހާދުން ރަޝިއާއިން ގޭސް ގަތުން ހުއްޓާލީ މާލީ ގޮތުން ރަޝިއާއަށް ދަތިކޮށް އާދޭސްކުރަން އެ މީހުން ގާތަށް ދާނެ ކަމަށް ހީކޮށް ކަމަށެވެ. އެކަމަކު ހަގީގަތުގައި ފިނިބޮޑުވެ ގަނޑުވަނީ ޔޫރަޕްގެ އާންމު ރައްޔިތުން ކަމަށް ވިދާޅުވި އެވެ.

އެމެރިކާ އަތުން ގޭސް ގަންނަން ހަދައިގެން، ޔޫރަޕުން ކުރިން ނުކުރާ ވަރުގެ ބޮޑު ހޭދައެއް -- ހަށިގަނޑުން ފިނިކަނޑުވަން، މިހާރު ކުރަން ޖެހެފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މެޑްވެޑޭވް ވިދާޅުވީ ޔޫރަޕަށް ފިނި މޫސުން އަންނަ ޑިސެމްބަރުގައި ރަސްމީކޮށް ފެށޭއިރު، އާންމު ރައްޔިތުން މިހާރުވެސް ތިބީ ތަންމަތި ހޫނުކުރާނެ ގޮތެއް ނެތިފައި ކަމަށެވެ.

ކުރިއަށް އޮތް އަހަރު މާރިޗުގައި ފިނި މޫސުން ނިމެންވާއިރަށް ޔުރަޕްގެ އެތައް ބަޔަކު ގަދަފިނީގައި މަރުވާނެ ކަމަށްވެސް ޗެއާމަން ވިދާޅުވި އެވެ.

ރަޝިއާއަށް ދަތިކުރަން އެޅި ފިޔަވަޅުތަކުގައި ޔޫރަޕް އޮތީ އަތަށް ގޮވާފައި ކަމަށް ވެޑްވެޑޭފް ވިދާޅުވި އެވެ. ރަޝިއާ އަތުން ކުރިން ގޭސް ގަތް އަގަށް މިހާރު ގޭސް ގަންނަން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫރަޕްގެ އާންމު ރައްޔިތުން ގޭހަށް އަގުދައްކާފައި ކާނެ އެއްޗެއް ގަންނާނެ ފައިސާ ނުހުންނާނެ ކަމަށްވެސް މެޑްވެޑޭފް ވިދާޅުވި އެވެ. ޔޫރަޕްގެ ވެރިން މިހާރު އުޅުއްވަނީ ރަޝިއާއަށް ދަތިކުރެވުނު މޮޔަ ހިތަށް އަރައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މެޑްވެޑޭވް ވިދާޅުވީ ޔޫރަޕްގެ ވެރިން ނިދީގައި ތިބިހާ ހިނދަކު ވެގެން އުޅޭ ގޮތް ސާފުނުވާނެ ކަމަށެވެ. އެމެރިކާ ބުނި ގޮތެއް ހަދައިގެން ތިބެން ބޭނުންވާ ވެރިންނަށް ގޮނޑި ގެއްލޭއިރުވެސް ނޭނގޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާއިން ލައިދޭހާ ބުއްދިއަކީ އެހެން ބަޔަކަށް ކަމުދާ ކަމެއް ނޫންކަން ޔޫރަޕަށް މިހާރު އެނގޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަމިއްލަ ގައުމަށް އެންމެ ރަނގަޅު ގޮތް ނޭނގޭ ވެރިން -- ރަނގަޅު ވާނީ އިސްތިއުފާ ދެއްވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.