ދުނިޔެ

ރަޝިއާގެ ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ހުއްދަ ޔުކްރޭނަށް ދީފި

އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން ޔުކްރޭން މެދުވެރިކޮށް ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ރަޝިއާގެ ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ހުއްދަ ޔުކްރޭނަށް ދީފި އެވެ.

މި ވާހަކަތައް ދުނިޔޭގެ ފަލަ ސުރުހީތަކަށް އަަދި ނޭރި ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވި އޮފިޝަލުންނާ ހަވާލާދީ ހަބަރު އޭޖެންސީތަކުން ބުނާ ގޮތުން ހުޅަނގުން ވަނީ ޔުކްރޭނަށް މި ހުއްދަަ ދީފަ އެވެ.

ހުޅަނގުގެ ވިސްނުމަކީ އަދި އެދުމަކީވެސް ޔުކްރޭން ލައްވައި ރަޝިއާ ބަލިކުރުމެވެ. ޔުކްރޭން ހަނގުރާމަ އަކީ ވެސް ރަޝިއާ އިނދަޖައްސާލުމުގެ ނިޔަތުގައި ހުޅަނގުން ކުރުވާ ހަނގުރާމަ އެކެވެ.

ޔުކްރޭން ހަނގުރާމަ އެކި މަރުހަލާތަކަށް ބަހާލައި، ހަބަރުތައް ބުނާ ގޮތުން ހުޅަނގުން މިހާރު ކުރާ ކަމަކީ ޔުކްރޭނަށް ދުރު ރާސްތާ މިސައިލް ފޯޜުކޮށްދިނުމެވެ.

ޔުކްރޭނަށް ފޯރުކޮށްދޭ މިސައިލްތަކުގެ ތެރޭގައި ބޮޑެތި ގެއްލުންދޭ ބާވަތުގެ ރޮކެޓާއި ގައިދެން ބޮން ހިމެނެ އެވެ. މި ބާވަތުގެ ހަތިޔާރު އިޒުރޭލުން ޣައްޒާގައިވެސް ވަނީ ބޭނުންކޮށްފަ އެވެ. އަނެއްކޮޅުން އީރާނަށް ހަމަލާދިނުމުގައި މި ބާވަތުގެ ހަތިޔާރު ބޭނުންކުރާނެ ކަަމަށް އޮތީ ބެލެވިފަ އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުން، ރަޝިއާގެ ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ހުއްދަ ޔުކްރޭނަށް ދިނުމުން ދޭހަވަނީ ރަޝިއާ އިނދަޖައްސާލަން ބަޔަކު ބޭނުންވާ ވަރެވެ.

ޔުކްރޭން ހަނގުރާމައިގައި ރަޝިއާއާ ދެކޮޅަށް ޔޫރަޕްގެ އަސްކަރިއްޔާތައް -- ނެޓޯ ސިފައިން ބައިވެރިވުމަކީ އަދި ކުރިއަށް އޮތް މަރުހަލާއެއް ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ނޭޓޯ ސިފައިން ރަޝިއާއަށް ހަމަލާދޭނެ ގޮތްތައް މިހާރުވެސް ވަނީ ރާވައި ނިންމާފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އަދި އިނގިރޭސިން އަޑީގައި ތިބެގެން ކުރުވާ މި ހަނގުރާމަ ނިންމުމަށް ވުރެ ކުރިއަށް ގެންދިއުން މުހިއްމު ކަމަށް ހުޅަނގުން ބުނެ އެވެ. އަދި ރަޝިއާ ސައިޒުކޮށްގެން ނޫން ގޮތަކަށް ހުޅަނގަށް ކާމިޔާބެއް ނެތް ކަމަށްވެސް ހުޅަނގުގެ ސިޔާސީ ލީޑަރުން ގަބޫލުކުރައްވަ އެވެ.

ރައީސް ޕޫޓިން ވިދާޅުވި ގޮތުން ހުޅަނގުގެ ނުފޫޒާ ހެދި ޔުކްރޭނަށް -- ޔުކްރޭން ބޭނުންވާ ގޮތެއް ނިންމޭކަށް ވެސް ނެތެވެ. ރަޝިއާއާ އެކު ސުލްހަނުވުމަށް ޔުކްރޭނަށް ބުއްދިލައިދީފައި އޮތްއިރު އެ ބައިގަނޑުގެ ވިސްނުމަކީ ރަޝިއާ ސުންނާފަތިކުރުމެވެ.