ދުނިޔެ

ރަޝިއާގެ ހާރިޖީ ވުޒާރާގައި ޔޫރަޕަށް ޚާއްސަ ޑިޕާޓްމަންޓެއް

ރަޝިއާގެ ހާރިޖީ ވުޒާރާގައި ޔޫރަޕަށް ހާއްސަކޮށް ކުރިންވެސް އުފައްދާފައި އޮތް "ޑިޕާޓްމަންޓް އޮފް ޔޫރަޕިއަން ކޯޕަރޭޝަން"ގެ ނަން "ޑިޕާޓްމަންޓް އޮފް ޔޫރަޕިއަން ޕްރޮބްލަމްސް" އަށް ބަދަލުކޮށްފި އެވެ.

މިއީ ރަޝިއާ އާއި ޔޫރަޕާ ދެމެދު ގުޅުން ހީނަރުވެ، އެއްބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި، ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގައުމުތަކަށް ކުރި ދަރަޖަ ދަށް މަލާމާތަކަށް ވުރެ ބޮޑު ފުރައްސާރަ އެކެވެ.

ޔޫރަޕަށް ހާއްސަ ޑިޕާޓްމަންޓްގެ ނަން ބަދަލުކުރުމުން "އެއްބާރުލުން" ބަދަލުވެފައި މިވަނީ ބޮޑު "މައްސަލަ" އަކަށެވެ. ޑިޕާޓްމަންޓްގެ ނަން މިގޮތަށް ބަދަލުކުރި ނަމަވެސް މަސައްކަތަކީ މީގެ ކުރިންވެސް ކުރި މަސައްކަތްތަކެވެ.

ރަޝިއާ ސިފައިން 2014 ގައި ޔުކްރޭންގެ ކްރައިމިއާ އަތުލައިގަތް ފަހުން ޔޫރަޕްގެ ގިނަ ގައުމުތަކުން ރަޝިއާއާ ގާތް ގުޅުމެއް ނުބާއްވަ އެވެ. އޭގެ ބަދަލުގައި ރަޝިއާއަށް ދަތިކޮށް -- ރަޝިއާއާ ދެކޮޅަށް އެމެރިކާ އަޅާ ކޮންމެ ފިޔަވަޅެއްގައި މި ގައުމުތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ރަޝިއާ ބުނާ ގޮތުން ޔޫރަޕިއަން ޔޫނިއަން މިހާރު އޮތީ އެއްބައިވަންތަކަން ގެއްލިފަ އެވެ. އަދި އެމެރިކާ ބުނާހާ ގޮތެއް ހަދަން ހަދައިގެން ޔޫރަޕިއަން ޔޫނިއަން ވަންތަކަން ގެއްލިފައިވާ ކަމަށް ރަޝިއާ ބުނެ އެވެ.

ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވި ގޮތުން ރަޝިއާގެ އެކުވެރިކަން ޔޫރަޕަށް ވަނީ ގެއްލިފަ އެވެ. އެއީ ޔޫރަޕް ދެރަވާނެ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ރަޝިއާގެ އެއްބާރުލުން ޔޫރަޕަށް ގެއްލުމަކީ ރަޝިއާގެ މައްސަލައެއް ނޫން ކަމަށާއި އެއީ ޔޫރަޕް އަމިއްލައަށް ލިބިގަތް ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫރަޕްގެ ގިނަ ގައުމުތަކުން ރަޝިއާގެ ހަކަތަ މިހާރު ބޭނުން ނުކުރާ ކަމަށް ލިޔުންތަކުން ފެންނަ ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށެވެ. ޔޫރަޕްގެ ގިނަ ގައުމުތަކަށް ސަލާމަތުން އަދިވެސް އޮވެވެނީ ރަޝިއާގެ އެހީތެރިކަން ކޮންމެވެސް ވަރަކަށް ލިބޭތީ ކަމަށް ލަވްރޯފް ވިދާޅުވި އެވެ.