ދުނިޔެ

އިޒުރޭލަށް ދަތިކޮށް އދއިން ބޭރުކުރުމަށް އައްބާސް ގޮވާލައްވައިފި

އިޒުރޭލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް ފަލަސްތީންގެ ރައީސް މަހްްމޫދު އައްބާސް އދގެ މެމްބަރު ގައުމުަކަށް ބުރާސްފަތި ދުވަހު ގޮވާލައްވައިފި އެވެ.

ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އދއިން އިޒުރޭލު ބާކީކުރުމަށް ވެސް ބައިނަލްއަގުވާމީ މުޖުތަމައުއަށް އައްބާސް ގޮވާލެއްވި އެވެ.

އައްބާސް ވިދާޅުވި ގޮތުން އިޒުރޭލަކީ އދއިން އެއްވެސް ހައިސިއްޔަތެއް ދޭ ވަރުގެ ގައުމެއް ނޫނެވެ. އިޒުރޭލުގެ ވެރިކަމަށް އަރައިފި ކޮންމެ މީހެއްގެ ދެއަތްތިލަ -- ފަލަސްތީންގެ ނިކަމެތިންގެ ލެއިން ތަތްތަޅުވާ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

އދގެ އެއްވެސް ހައްގަކުން އިޒުރޭލަށް ބައިއެޅިގެން ނުވާނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

އިޒުރޭލުން ފަލަސްތީންގެ ނިކަމެތިންގެ ހައްގުތައް ނިގުޅައިގަންނައިރު އދއިން ބަހެއް ނުބުނެ އޮންނަނީ ކީއްވެތޯ އައްބާސް ސުވާލުކުރެއްވި އެވެ. އިންކާރުކުރުަމަށް ވުރެ ގަދަ ބާއެއް އދަގއި އޮންނަންވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ފަލަސްތީންގެ ރައީސް ވިދާޅުވި އެވެ.

އދގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން އައްބާސް ވިދާޅުވީ އަރަބިންގެ ބިންތަކުގައި 600،000 އަށް ވުރެ ގިނަ ޔަހޫދީން ވަޒަންވެރިކޮށްފައި ތިބި ކަމަށެވެ. މިއީ އޭނާ ވިދާޅުވި ގޮތުގައި ހަމައެކަނި ހުޅަނގު ސަހަރާގައި ޔަހޫދީން ދިރިއުޅޭ އަދަދެވެ.

އިޒުރޭލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ވައްދާފައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް -- އަވަސް ހުކުމެއް އިއްވުމަކީ އިޒުރޭލުގެ އަނިޔާ ތަހަންމަލުކުރަމުންދާ ފަލަސްތީން ތައްޔިތުންނަށް ލިބޭނެ ތަަސައްލީއެއް ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވި ގޮތުގައި އުންމީދަކީ ފަލަސްތީން މިނިވަންވުމެވެ. ފަލަސްތީނަށް ނިސްބަތްވާ ބިމުގެ ހުރިހާ ހިސާބެއް، މާތް ﷲ މިނިވަންކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލަސްތީންގެ ބިމުން މަޖުބޫރީ ހާލަތުގައި ފައިބައިގެން ގޮސް ތިބިހާ ބަޔަކު އަދި އެ ބިމަށް ރުޖޫއަވާނެ ކަމަށްވެސް އައްަބާސް ވިދާޅުވި އެވެ. ކާބަފައިންގެ ބިން އެނބުރި ލިބޭނެ ދުވަހެއްގައި އެތައް ހާސް ބަޔަކު ތިބި ކަމަށްވެސް ފަލަސްތީންގެ ރައީސް ވިދާޅުވި އެވެ.

އދއަށް ކަމެއް ކުރެވުނު ކަމަށް ވާނީ އައްބާސް ވިދާޅުވި ގޮތުގައި ޣައްޒާ ހަނގުރާމަ ހުއްޓުވައި އަދި ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވިއްޖެ ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގައި ނާއިންސާފުން ހިނގާ ދުނިޔެވީ ހުރިހާ ކަމެއް ހުއްޓުވަން ގާބިލު ގައުމުތައް ތިބި ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. ހިތާމަ އަކީ އޭނާ ވިދާޅުވި ގޮތުގައި އެ މީހުން މިއަދު ކުޅިބަލަން ތިބުމެވެ.