ޣައްޒާ ހަނގުރާމަ ހުއްޓަލުމަށްޓަކައި އެމެރިކާ ލަފާދިން އެއްވެސް ގޮތެއް އިޒުރޭލަށް ކަމަކުނުނިޔަ އެވެ. އިޒުރޭލާ ހެދި ގައުމުތަކުގެ މެދުގައި އެމެރިކާ ފަލީހަތްވެ ބޭޒާރުވަނީ އެވެ. އެކަމަކުވެސް އިޒުރޭލުގެ ދިފާއުގައި ދެމިއޮތުން ނޫން ގޮތެއް އެމެރިކާއަކަށް ނެތެވެ.
އެމެރިކާއަށް ދެން އޮތް ގޮތަކީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުން ބޭރުވެ، ތިމަންނަމެންނާ ބެހޭ ކަމެއް ނޫނޭ ބުނުމެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުގެ ވެރިންގެ މެދުގައި ބަސްނުވިކޭ ނަމަ ސުލްހައިގެ ވާހަކަތަކުން އެމެރިކާ ބޭރުވާނެ އެވެ. މިކަމާ މެދު އެމެރިކާގެ އޮފިޝަލުން ވިސްނަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
މިސްރާއި ގަތަރު މެދުވެރިވެ ދޯހާގައި މިހާރު ކުރެވެމުންދާ މަޝްވަރާތައް ކޮޅެއްގައި ނުޖެހިއްޖެނަމަ، ސުލްހައިގެ މަޝްވަރާތަކުން އެމެރިކާ ބޭރުވާނެ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ތުރުކީގެ ހާރިޖީ ވުޒާރާއިން ވަނީ ބުނެފަ އެވެ.
ނަން ހާމަކުރަން ނޭދޭ ތުރުކީގެ އޮފިޝަލަކު ވިދާޅުވި ގޮތުން އެމެރިކާގެ މި ބުނުމުގައި ސާބިތުވެ އޮންނާނެ ކަމަށް ގަތަރުގައި ކުރެވުނު މަޝްވަރާތަކުގައި އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެވެ.
ތުރުކީ އޮފިޝަލް ވިދާޅުވި ގޮތުން ސުލްހައިގެ މަޝްވަރާތަކުގައި އެމެރިކާއިން ދައްކަނީ އިޚުލާސްތެރި ވާހަކަތަކެކެވެ. އެމެރިކާގެ ވާހަކަތަކުގައި ފަލަސްތީނަށް ގެއްލުމެއް ނެތް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އިޒުރޭލުގެ ވެރިންނަށް އެމެރިކާ ދައްކާ ވާހަކަ ކަމުނުދަނީ ފަލަސްތީނަށް މާބޮޑަށް ލުއިދޭތީ ކަމަށް ތުރުކީގެ އޮފިޝަލް ވިދާޅުވި އެވެ.
ޣައްޒާގައި ހަނގުރާމައިގެ ސަބަބުން 40،800 މީހުން މަރުވެފައިވާއިރު މިއީ މަދު އަދަދެއް ނޫން ކަމަށް އެމެރިކާ ބުނާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި މީހުން މެރުން ހުއްޓާލައި ޣައްޒާ އާންމު ހާލަތަކަށް ގެނައުމަށް ދޫކޮށްލުމަށް އެމެރިކާ ބުނާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޒަޔަނިސްޓު ވެރިން ބުނާ ގޮތުން ޣައްޒާ ހަނގުރާމައަށްފަހު ޣައްޒާގައި ވެރިކަންކުރުމަށް ހަމާސްއަށް ފުރުސަތެއް ނުދެވޭނެ އެވެ. އަދި ހަމާސްގެ އެކަކު ދުނިޔޭގައި ހުރި ނަމަވެސް އޭނާގެ ނުފޫޒު ޣައްޒާއަށް ބޮޑުވާނެ ކަމަށްވެސް ޔަހޫދީން ބުނެ އެވެ.
ހަނގުރާމައަށް ފަހު ޣައްޒާގައި ވެރިކަންކުރާނެ ބަޔަކާ މެދު އެމެރިކާ އާއި އިޒުރޭލު އަދި ފަލަސްތީނަށް ވެސް އަދި ގޮތެއް ނުނިންމެ އެވެ.
އެމެރިކާ އާއި ފަލަސްތީނުން ބޭނުންވަނީ ފަލަސްތީން އޮތޯރިޓީގެ ބާރު އޮންނަ ތަނަކަށް ޣައްޒާ ބަދަލުކުރުމެވެ. އިޒުރޭލުން ބުނަނީ ފަލަސްތީން އޮތޯރިޓީގައި ވެސް ޓެރަރިސްޓުން ތިބި ކަމަށެވެ.