ޣައްޒާ ހަނގުރާމަ ފަށައިގަތްތަނުން ފަރަންސޭސިވިލާތުން ވަނީ ޔަހޫދީންނަށް ވަރަށް ބޮޑަށް ތާއީދުކޮށްފަ އެވެ.
ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ޔަހޫދީން ހިސާރުކޮށްފައި އޮތް ފަލަސްތީންގެ ބިންތަކަށް ވަޑައިގެން ޒަޔޮނިސްޓް ސަރުކާރަށް ތާއީދުކުރައްވައި ދެއްކެވި ވާހަކަތަކުގެ ސަބަބުން ހަށިކޮޅަށް ހޫނުފެން ބުރައި -- ބައެއް ގައުމުތަކުގެ ނުރުން ވެސް އަމާޒުވެ ވަޑައިގެންނެވި އެވެ.
ނަމަވެސް، ފަރަންސޭސިންގެ ބަހުރުވަ ތިލަފަތް ހަމަކޮށް މިހާރު ފެންނަނީ ފަލަސްތީނަށް ވެސް ބައިއަޅާތަނެވެ.
ފަރަންސޭސިވިލާތުން މިހާރު ބުނަނީ ޔޫރަޕިއަން ޔޫނިއަނުން ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހޭނީ ހަމައެކަނި ހަމާސްގެ މެމްބަރުންނަށް ނޫން ކަމަށެވެ. ހުލަނގު އައްސޭރީގައި ފަލަސްތީންގެ އާންމުންނަށް ޖެއްސުންކޮށް އަނިޔާކުރާ ޔަހޫދީ ވަޒަންވެރިންނަށް ވެސް ދަތިކުރަން ޖެހޭ ކަމަށެވެ.
އޮކްޓޯބަރު ހަތެއްގައި ޣައްޒާ ހަނގުރާމަ ފަށައިގަތް ފަހުން ޔަހޫދީ ވަޒަންވެރިންގެ ފަރާތުން ފަލަސްތީންގެ ނިކަމެތިންނަށް ލިބެނުންދާ އަނިޔާތައް ދެގުނައަށް ވުރެ އިތުރުވެއްޖެ ކަމަށް އދ އިން ވެސް އޮތީ ބުނެފަ އެވެ.
ޒަޔޮނިސްޓް ޔަހޫދީ ވަޒަންވެރިންގެ ހަމަލާތަކުގައި ފަލަސްތީނުން މިއަހަރު އެކަނިވެސް 200 އަށް ވުރެ ގިނަ މީހުން ވަނީ މަރާފަ އެވެ. މިއީ އަދި ޒަޔޮނިސްޓް ސިފައިން ދެމުން ގެންދާ އަނިޔާވަރި ހަމަލާތަކުގައި މަރުވާ މީހުންގެ އިތުރުން ކުރެވޭ އަދަދެކެވެ.
ފަރަންސޭސި ވަޒީރުން ވިދާޅުވާ ގޮތުން ބައިނަލްއަގްވާ ޖަމާއަތްތަކުން ވެސް ޔަހޫދީ ވަޒަންވެރިންނަށް ސަމާލުވާން ޖެހޭ ކަމަށެވެ. މި މީހުންގެ ސަބަބުން ދެ ދައުލަތް ހިމެނޭ ގޮތުން ފަލަސްތީނަށް މިނިވަން ދައުލަތެއް އުފައްދަން ކުރާ މަސައްކަތްތަކަށް ވެސް ހުރަސްއެޅޭ ކަމަށެވެ.
ފަލަސްތީނަށް މިއަދު ދިމާވެފައި އޮތް ހާލަތުގައި ޔޫރަޕާއި އެމެރިކާ އަދި އިނގިރޭސިން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް -- ހަގީގަތަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުމަކީ މިއިން އެއް ގައުމަކުން ވެސް ބޭނުންވާނެ ގޮތެއް ނޫން ކަމެވެ.
އެމެރިކާ އާއި އިނގިރޭސިން އަދި ޔޫރަޕަށް ނިސްބަތްކުރެވޭ ގިނަ ގައުމުތައް ފަލަސްތީންއާ މެދު އިޚުލާސްތެރި ނަމަ މިހާރު އޮންނާނީ ފަލަސްތީން މިނިވަން ވެފަ އެވެ.
އެމެރިކާ ނުރުހޭ ނަމަ ޒަޔޮނިސްޓް ސަރުކާރުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުރިއަކަށް ނުދާނެ އެވެ. ފަލަސްތީނަށް ހަމަލާ ދިނުމަށާއި ބޮންއެޅުމަށް ބޭނުންވާ ހުރިހާ ހަތިޔާރެއް ފޯރުކޮށްދެނީ އެމެރިކާއިންނެވެ.