ދުނިޔެ

"މިއީ ފަލަސްތީނާ މެދު އެންމެ އިހާނެތިކޮށް ހިތި އަހަރު"

މިއީ ފަލަސްތިނާ މެދު -- ޚާއްސަކޮށް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީން މީހުންނާ މެދު އެންމެ އިހާނެތިކޮށް ހިތުނު -- އެންމެ އަނިޔާވެރި އަހަރު ކަމަށް އދ އިން ބުނެފި އެވެ.

އދގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ބުނާ ގޮތުން އެއްވެސް ކުށެއް ނެތް ފަލަސްތީންގެ 504 މީހަކު، އެ މީހުން ދިރިއުޅުމުގެ ހައްގުތަކުން މަހްރޫމްކޮށް ޒަޔަނިސްޓުންގެ އަނިޔާވެރި ހަރަކާތްތަކުގައި ވަނީ މަރާލާފަ އެވެ.

ފަލަސްތީންގެ ރެފިއުޖީންގެ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ވެސް -- ހަނގުރާމަވެރިންނަށް ހަމަލާދިނުމުގެ ބަދަލުގައި ޒަޔަނިސްޓުންގެ ގިނައިން ހަމަލާދީފައިވަނީ އާންމުންނަށް ކަމަށެވެ.

އޮކްޓޯބަރު ހަތަކުން ފެށިގެން ހިނގާދިޔަ ދެމަހެއްހާ ދުވަސް ތެރޭގައި -- ޣައްޒާއަށް މިއިން ޒަމާނަކު ދީފައި ނުވާ ވަރުގެ ބޮޑެތި ގެއްލުން އިޒްރޭލުން ދީފައިވާ ކަމަށްވެސް އދ އިން ބުނެ އެވެ.

ހަމާސް ޖަމާއަތް ނައްތާލުމަށް ކަމަށް ބުނެ ޣައްޒާއަށް އެއްގަމު މަގުން އަރައިގަނެ ޒަޔަނިސްޓުން ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތަކުގައި 314 އަށް ވުރެ ގިނަ މީހުން ހުޅަނގު އައްސޭރީގައި ވަނީ މަރާފަ އެވެ. އަދި 3،300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. މިއީ ޣާއްޒާގައި މަރުވި މީހުންގެ އިތުރުން -- ހުޅަނގު އައްސޭރީގައި މަރުވި އަދަދެވެ.

ޣައްޒާގެ އުމްރާނީ ތަރައްގީ ނައްތާލައި 200 އަށް ވުރެ ގިނަ އާސާރުތައް ނައްތާލާފައިވާ ކަމަށްވެސް އދގެ އޭޖެންސީތަކުން ބުނެ އެވެ.

އިޒްރޭލުން ޣައްޒާއަށް ބޮޑުބަޑި އާއި އަތުބޮން ހިފައިގެން ޣައްޒާއަށް އެރީ ހަމާސް ޖަމާއަތް ނައްތާލަން ނިޔަން ގަނެގެންނެވެ. ނަމަވެސް ޔަހޫދީން ޣައްޒާގައި ކުރީ އެ މަސައްކަތް ނޫން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޣައްޒާގެ ހޮސްޕިޓަލް ތަކަށާއި ރެފިއުޖީ ކޭމްޕްތަކަށް އަދި މިސްކިތްތަކަށް ދިން ބާރުގަދަ ހަމަލާތަކުގައި މިއިން ތަނެއް ދެން ބޭނުން ނުހިފޭ ދަރަޖައަށް ވަނީ ސުންނާފަތި ކޮށްފަ އެވެ.

ޣައްޒާގައި ބޮޑެތި ބަލިތަކަށް ފަރުވާދޭ ކްލިނިކްތަކަށް ބޮންއަޅައި އެ ތަންތަނުގައި ތިބި އެންމެން ވަނީ މަރާފަ އެވެ.

ކުޅިވަރު ކުޅޭ ހޯލުތަކަށާއި އާންމުން އެއްވެ އުޅޭ ބާޒާރުތަކަށް ބޮންއެޅުމުގެ ސަބަބުން -- ޣައްޒާއަށް މިއިން ޒަމާނަކު ލިބިފައި ނުވާ ވަރުގެ ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެއްފަސްގަނޑަކަށް ގޮވާ ތަކެތި އެންމެ ގިނައިން އަދި މަދު ދުވަސްތަކެއްގައި އަޅާފައި ވަނީ ޣައްޒާއަށެވެ.