ބޭރު ފައިސާ މާރުކުރުމުގައި ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.
ފުލުހުންގެ ސައިބަ ކްރައިމް ޑިޕާޓްމަންޓުން ވަނީ ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކަކީ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ އޮވެގެން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތެއްތޯ ކަށަވަރު ކުރުމަށް އެދިފަ އެވެ.
ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ އެމްއެމްއޭ އިން ދީފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެކަން ސައިބަ ކްރައިމް ޑިޕާޓްމަންޓުން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން ވައިބަ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެންކަމުން ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށާއި އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.
ސްކޭމްތައް އިތުރުވެފައިވާއިރު ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ގާއްސަ ކޯލް ސެންޓަރެއް ފުލުހުން ދާދި ފަހުން ވަނީ ގާއިމުކޮށްފަ އެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުއާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.
ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.