ޣައްޒާގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްއަށް ޔަހޫދީ ޖެޓުތަކުން ދިން މިސައިލް ހަމަލާތަކުގައި އިތުރު ދެ މިސްކިތެއް ސުންނާފަތިކޮށްފި އެވެ. މި ދެ މިސްކިތާ އެކު -- އޮކްޓޯބަރު ހަތަކުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކުގައި 59 މިސްކިތެއް މިހާރު އެ ވަނީ ބިމާހަމަކޮށްފަ އެވެ.
ޣައްޒާގެ އިންޓިރިއާ މިިސްޓްރީން ބުނާ ގޮތުން ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޖުމުލަ 136 މިސްކިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
ޔަހޫދީ ސަރުކާރުން ގަބޫލުކުރާ ގޮތުން ހަމާސްގެ ހަނގުރާމަވެރިން ފިލަން ދުވެ ވަންނަ ތަންތަނީ މިސްކިތްތަކާއި ހޮސްޕިޓަލްތަކެވެ. ބައެއް މިސްކިތްތަކުގެ އަޑީގައި ހަމާސްއިން ބިންގަރާސް ހަދާފައި ހުރި ކަމަށް ވެސް ޔަހޫދީ ވެރިން ގަބޫލުކުރެ އެވެ.
އިންޓިރީއާ މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވި ގޮތުން ޔަހޫދީ ޖެޓުތަކުން ހަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ މީހުން އެންމެ ގިނައިން އަރާ މިސްކިތްތަކަށެވެ. ޣައްޒާގައި ހުރި ނަން މަޝްހޫރު މިސްކިތްތަކަށް ވެސް -- މަރާމާތުކޮށްގެން ނޫން ގޮތަކަށް ބޭނުން ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔަހޫދީ އަސްކަރީ ޖެޓުތަކުން ޣައްޒާއަށް ހަމަލާތައް އަމާޒުކުރަނީ އެޔެއް މިއެއް ބެލުމެއް ނެތި އެވެ.
އާންމުން އެއްވެ އުޅޭ ބާޒާރުތަކާއި ހެލްތު ސެންޓަރުތަކަށް ވެސް ޔަހޫދީން ހަމަލާދީފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ހަނގުރާމައިގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޔަހޫދީންގެ ހަމަލާތައް އަމާޒުކޮށްފައި ހުރީ އެންމެ ގިނައިން އިންސާނުންގެ ފުރާނަ ދުއްވާލެވެން ހުރި ގޮތްތައް ބަލައިގެންނެވެ.
ހަނގުރާމާގައި މަރަނީ ހަނގުރާމާގައި ބައިވެރިވާ މީހުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ހަމާސް އަތުލައިގަތުމަށް ކަމަށް ބުނެ ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ -- ޣައްޒާއިން މީހުން ބޭރުކުރަން ދޭ ހަމަލާތަކެއް ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.
އޮގަސްޓް ހަތްވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ދިން ހަމަލާތަކަށް ފަހު، ޔަހޫދީން ޣައްޒާއަށް ދޭން ފަށާފައި ހުރި ހަމަލާތަކަށް އަދިވެސް މަޑުޖެހުމެއް ނުގެނެ އެވެ.
ކޮންމެ ދުވަހަކު އަދި ކޮންމެ ރެއަކު ޔަހޫދީން ދަނީ އެތައް ތަނެއް ސުންނާފަތިކޮށް އަދި އެތައް ބަޔަކު މަރަމުންނެވެ. ދުނިޔޭގެ ބާރުގަދަ ގައުމުތައް ތިބީ އަތްޖަހައި ޔަހޫދީންނަށް ހިތްވަރުދިނުމުގަ އެވެ.
އެމެރިކާގެ އަމަލުތައް ހުރީ ހަނގުރާމަ ހުއްޓުވުމަށް ވުރެ ކުރިއަށް ގެންދިއުމަށް ޔަހޫދީންނަށް ހިތްވަރު ލިބޭ ގޮތަށެވެ.
ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ވެއްދުމަށް ހަނގުރާމަ މެދުކަނޑާލަން ހެޔޮއެދޭ ގައުމުތަކުން ގޮވާލުމުން ވެސް އެމެރިކާ ބުނީ އޭރުން އެކަން ވާނީ ހަމާސްގެ ހަނގުރާމަވެރިން އަލުން ރުކުރުވާލަން ލިބޭ ރަނުގެ ފުރުސަތަކަށް ކަމަށެވެ.