ޣައްޒާ ހަނގުރާމަ ހުއްޓުވަން ހަމާސްއިން އެކަށީގެންވާ މަސައްކަތަކެއް ނުކުރާ ކަމަށް ބުނެ ޣައްޒާގެ ރައްޔިތުން ޝަކުވާކުރަން ފަށައިފި އެވެ.
ޣައްޒާގައި ދިރިއުޅޭ ފަލަސްތީން މީހުން ބުނާ ގޮތުން ހަމަލާތައް ހުއްޓުވުމަށް ކުރެވޭ މަޝްވަރާތަކުގައި ހަމާސްއިން މިހާރަށް ވުރެ ބޮޑަށް ސީރިއަސްވާން ވެއްޖެ އެވެ.
އިޒުރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން މުޅި ހަޔާތް ބަރުބާދުވެއްޖެ ކަމަށް ބުނެ ޣައްޒާގެ ރައްޔިތުން ދަނީ ޝަކުވާކުރަމުންނެވެ. މި ޝަކުވާތައް އަޑުއަހާނެ ބަޔަކު ނެތް ނަމަވެސް ހަނގުރާމަ ފެށުމަށް ސަބަބެއް އުފެއްދީ ހަމާސް ކަމަށް އާންމުން ގަބޫލުކުރެ އެވެ.
އިޒުރޭލަށް ގޯނާކޮށްގެން ހަނގުރާމަ ފެއްޓުވީ ހަމާސް ކަމަށް ދުވަސްވީ މީހުން ގަބޫލުކުރެ އވެ.
އޮކްޓޯބަރު ހަތެއްގައި ފެށި ފަނާކުރަނިވި ހަމަލާތަކުގެ ސަބަބުން އުޅޭނެ ތަނެއް ނެތި އެތަން މިތަނުގައި ތެޅެންޖެހިފައި ތިބި އެތައް ލައްކަ އާންމުންގެ އިހްސާސަކީ މިއީ ކަމަށް އެ މީހުން ބުނެ އެވެ.
ޣައްޒާގެ އާންމު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި އާއިލާތަކުގެ ކެކުޅުން ހަމާސްއަށް ތަަސައްވަރުކުރެވޭނަމަ، ހަނގުރާމަ ހުއްޓުވޭނެ ގޮތެއް މިހާރު އޮންނާނީ ހޯދާފައި ކަމަށް ޣައްޒާގެ ރައްޔިތުން ބުނެ އެވެ.
ހާން ޔޫނިސްގައި ރެފިއުޖީއެއް ގޮތުގައި އުޅެމުންދާ އުންމު އާލާ ބުނި ގޮތުން ހަމާސްގެ ވިސްނުން އެއްގޮތަކަށް ވެސް ރަނގަޅެއް ނޫނެވެ. ރައްޔިތުން އުފުލާ ވޭނަކީ ހަމާސްއަށް ފައިދާކުރާ ކަމަކަށް އޮތީ ވެފަ އެވެ.
އިޒުރޭލާ އެކު ސުލްހައިގެ އެއްބަސްވުމެއް ނުހެދި ދިގުލައިގެން ދިއުމުގައި ހަމާސްގެ ޒިންމާއެއް އޮތްތޯ އޭއެފްޕީ ނޫސް އެޖެންސީން ކުރި ސުވާލުގައި ގިނަ މީހުން ބުނަނީ އޮތް ކަމަށެވެ.
ހަމަލާތައް ހުއްޓުވުމަށް މިހާތަނަށް ކުރި އެއްވެސް މަޝްވަރާއެއް އަދި ކާމިޔާބުވެފައެއް ނުވެ އެވެ.
ގަތަރާއި މިސްރު މެދުވެރިގެން ކުރި މަޝްވަރާތައްވެސް ވަނީ ފޭލިވެފަ އެވެ. އެއްބަސްވުމުގެ ބައެއް މާއްދާތައް އިޒުރޭލަށް ކަމުދާ ފަހަރެއްގައި އެ މާއްދާތައް ހަމާސްއަށް ކަމަކު ނުދެ އެވެ.
ހަމަލާތައް ހުއްޓުވަން އެމެރިކާއިން ހުޅަހެޅި ހުށަހެޅުންތަކެއް އަދިވެސް އޮތީ ގޮތެއް ނިންމޭ ހިސާބުގައެއް ނޫނެވެ. މިހެން ކަން އޮތުމުން ހަމަލާތައް ހުއްޓުވޭނެ ދުވަހެއް ބުނާކަށް އެކަކަށް ވެސް ނޭނގެ އެވެ.
ޣައްޒާ ރައްޔިތުންގެ ބޮަލަށް އިޒުރޭލުން އަޅަމުން ގެންދާ ބޮންތަކުގެ ސަބަބުން ހަމާސް ކަންބޮޑުވާނަމަ، ސުލްހައިގެ އެއްބަސްވުމަކަށް މިހާރު އޮންނާނީ އާދެވިފައި ކަމަށް ޣާއްޒާގެ ރައްޔިތުން ގަބޫލުކުރާ ކަމަށް އޭއެފްޕީން ކުރި ސާވޭއިން ވަނީ ދައްކާފަ އެވެ.