ދުނިޔެ

ހިޒްބުﷲގެ ބާރުގަދަކަން ހަމާސްއަށް ވުރެ 10 ގުނަ އިތުރު: ޔަހޫދީ އަސްކަރިއްޔާ

ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމަށް ޔަހޫދީ އަސްކަރިއްޔާއިން ވަނީ ރާވާފަ އެވެ. ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި ޣައްޒާއަށް އަރައިގަތުމުގެ ބޭނުމަކީ ހަމާސް އެއްކޮށް ދޮވެލުމެވެ.

ޔަހޫދީ ބޮޑުވަޒީރުގެ މި ވިދާޅުވުމާ ގުޅިގެން ޔަހޫދީ އަސްކަރިއްޔާއިން މިހާރު ދަނީ ޣައްޒާއަށް ވަދެގަނެ ހަރަކާތްތައް ބަހައްޓާނެ ގޮތް ރާވައި ބަހުސްކުރަމުންނެވެ.

ޣައްޒާއަށް އެއްގަމު މަގުން އަރައިގެންފިނަމަ ހަނގުރާމައިގެ ތެރެއަށް ހިޒްބުﷲ ވަނުމުގެ ފުރުސަތު އޮތް ކަމަށް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.

ހިޒްބުﷲ ގެ ފަރާތުން ޔަހޫދީ ސިފައިންނަށް ދުއްތުރާތަކެއް މެދުވެރިވާނެކަން ޔަހޫދީ ދިފާއީ ބާރުންވެސް އޮތީ ވިސްނާފަ އެވެ.

މިކަމާ ބެހޭ ގޮތުން ދޮރުބަންދު ބައްދަލުވުމެއްގައި ޔަހޫދީ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ވިދާޅުވި ކަމަށް ވަނީ ހިޒްބުﷲ އަކީ ހަމާސްއަށް ވުރެ 10 ގުނަ ގަދަފަދަ ޖަމާއަތެއް ކަމަށެވެ.

ޣައްޒާއަށް އަރައިގެން ދާއިރު ހިޒްބުﷲ މަތިން ހަނދާން ނައްތައި ނުލުމަށް އޭނާ ވަނީ އަސްކަރިއްޔާއަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. ހިޒްބުﷲއާ ކުރިމަތިލެވޭ ވަރުގެ ހަތިޔާރާ އެކު ޣައްޒާގެ އުތުރު ސަރައްދުތަކަށް އެރުމަށް އޭނާ ވިދާޅުވި އެވެ.

ޔަހޫދީ ވަޒީރު ވިދާޅުވި ގޮތުގައި ހިޒްބުﷲގެ ކުޅިގަނޑު ފެންނާނެ ކަމަށް އުއްމީދުކުރައްވަނީ ޔަހޫދީ ސިފައިން ޣައްޒާއަށް އަރައިގަތުމުންނެވެ. އޭނާ އަދި ވިދާޅުވީ މިހާރުވެސް ޣައްޒާ ތެރޭގައި ހިޒްބުﷲގެ ބާރުތައް ނެތްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ޔަހޫދީ ދައުލަތަށް ޖާސޫސްކޮށްދޭ މީހުން ލުބްނާނުގައި ވެސް އުޅެ އެވެ. އަދި ޔަހޫދީންނަށް ޖާސޫސްކޮށްދޭ މީހުން ފަލަސްތީންގައި ވެސް އުޅެ އެވެ. މި މީހުންގެ އެހީތެރިކަމާއެކު ވެސް ހިޒްބުﷲގެ ރޭވުންތެރިކަން ޔަހޫދީ އަސްކަރިއްޔާއަށް ރަނގަޅަށް ނުފޯރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހިޒްބުﷲ މީގެ ކުރިން އެތައް ފަހަރަކު ޔަހޫދީ ދައުލަތާ ވަނީ ހަނގުރާމަކޮށްފަ އެވެ. އެންމެ ފަހުން 2006 ގައި ކުރި ހަނގުރާމާގައި ޔަހޫދީ އާބާދީތަކަށް ހިޒްބުﷲ އިން ވަނީ ވަރަށް ބޮޑެތި ގެއްލުންދީފަ އެވެ. އޭގެ ބަދަލުގައި ލުބްނާންގައި ހުންނަ ހިޒްބުﷲގެ މަރުކަޒުތަކަށް އަހޫދީ އަސްކަރިއްޔާއިން ހަމަލާދީ ވަނީ ބިމާ ހަމަކޮށްފަ އެވެ.