ދުނިޔެ

ލުބްނާނާ ހަނގުރާމަ ކުރާކަށް ނުވިސްނަން: ޔަހޫދީންގެ ރައީސް

ލުބްނާންގެ އުތުރު ބޯޑަރުގައި ގެދޮރު އަޅައިގެން އުޅޭ ހިޒްބުﷲއާ ހަނގުރާމަ ކުރުމަކީ ވިސްނުމުގައި އޮތް ކަމެއް ނޫން ކަމަށް ޔަހޫދީންގެ ރައީސް އައިސާކް ހަރްޒޮގް ވިދާޅުވެއްޖެ އެވެ.

އިޒްރޭލަށް މިހާރު ވަޑައިގެން އުޅުއްވާ ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮންގެ އަރިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔަހޫދީންގެ ރައީސް ހަރްޒޮގް ވިދާޅުވި ގޮތުގައި އަލިފާނަށް ދަރުއެޅުމުގައި ހިޒްބުﷲގެ ހަނގުރާމަވެރިން އަވަަދިނެތި އުޅޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ހިޒްބުﷲ އާ ހަނގުރާމަކުރުމަމީ މި ވަގުތު އެޖެންޑާއިގައި އޮތް ކަމެއް ނޫން ނަމަވެސް ދައުލަތުގެ ހިމާޔަތުގައި ރައްދު ހަމަލާތައް ދޭނެ ކަމަށްވެސް ހަރްޒޮގް ވިދާޅުވި އެވެ.

ފަރަންސޭސި ރައީސް ޔާހޫދީންގެ އަވަށްތަކަށް ވަޑައިގެން މި އުޅުއްވަނީ ޔަހޫދީންނަށް ހަމްދަރުދީވެ ވަޑައިގަތުމަށެވެ.

މި މަހު ހަތެއްގައި ޔަހޫދީ އާބާދީތަކަށް ހަމާސްގެ ހަނގުރާމަވެރިން ދިން ހަމަލާތައް ކުށްވެރިކުރައްވައި މެކްރޮން ވިދާޅުވީ ޔަހޫދީންނަށް މެދުއިރުމަތީގައި ސުލްހަ އާއި އަމާން އަދި އޮމާންކަމުގައި އުޅެވެންވާނެ ކަމަށެވެ.

ޔަހޫދީންގެ ރައީސް ހަރްޒޮގް ވިދާޅުވި ގޮތުގައި ހިޒްބުﷲއާ ހަނގުރާމަކުރަން ބޭނުންނުވި ނަމަވެސް ހަނގުރާމައިގެ ތެރެއަށް ވައްދައިފިނަމަ ހިތުން ނުފިލާ ވަރުގެ ގެއްލުންތަކެއް ދޭނެ ކަމަށެވެ.

އޮކްޓޯބަރު ހަތެއްގައި ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކަށްފަހު ހިޒްބުﷲ ވެސް ދޭތެރެ ދޭތެރެއިން ޔަހޫދީ އަވަށްތަކަށް ހަމަލާދެ އެވެ. އަދި މި ހަމަލާތަކުގައި ޔަހޫދީންނަށް ގެއްލުންވެސް ލިބެ އެވެ.

ޔަހޫދީންގެ ރައީސް ވިދާޅުވި ގޮތުގައި ހަމާސްއަށް ހަމަލާދެމުން އަދި ސީރިއައަށް ހަމަލާދެމުން ވެސް ލުބްނާނަށް ހަމަލާދިނުމުގެ ގާބިލުކަން ޔަހޫދީ އަސްކަރިއްޔާއަށް ލިބިފައިވާ ކަމަށެވެ.

ޔަހޫދީ ފައިޓަރު ޖެޓުތަކުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 5،087 މީހުން މަރުވެރިފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. މީގެތެރޭގައި 2،055 ކުޑަކުދިންނައި 1،119 އަންހެނުން އަދި 217 އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ.

ހަމާސްއިން ކޮންޓްރޯލްކުރާ ހެލްތު މިނިސްޓްރީން ބުނި ގޮތުން ޔަހޫދީންގެ ހަމަލާތަކުގައި 15،273 މީހަކު ވަނީ ޒަހަމްވެފަ އެވެ.

ޔަހޫދީންގެ އާބާދީތަކަށް ހަމާސް އިން ދިން ހަމަލާތަކުގައި 1،400 ޔަހޫދީން ވެސް ވަނީ މަރުވެފަ އެވެ. މީގެތެރޭގައި ސިފައިންނާއި އާންމުންވެސް ހިމެނެ އެވެ.