ޔަހޫދީ ދައުލަތުގެ އަސްކަރީ ބާރު މުޅި ސަރަހައްދަށް ފުޅާކޮށް ލުބްނާންގެ ވެރިރަށް ބޭރޫތަށް ހަމަލާދިނުމަކީ ނުބައި ވިސްނުމަކަށް މަގުފަހިކުރުވާނެ ކަމެއް ކަމަށް ލުބްނާގެ ވަގުތީ ބޮޑުވަޒީރު ނަޖީބު މިގާތީ ވިދާޅުވެއްޖެ އެވެ.
ނަޖީބު މީގާތީ ވިދާޅުވި ގޮތުގައި ޒަޔަނިސްޓުންގެ ހަމަލާތައް ބޭރޫތަށް ފޯރުމަކީ ޣައްޒާ ހަނގުރާމަ ލުބްނާނަށް ފޯރައިފި ކަމަށް ހެކިދޭ ދަލީލެއް ކަމަށެވެ.
ޒަޔަނިސްޓުން ބޭރޫތަށް ދިން ހަމަލާތަކުގައި ހަމާސްގެ ލީޑަރަކު ވެސް ވަނީ މަރާލާފަ އެވެ.
ބެލެވޭ ގޮތުގައި ޒަޔަނިސްޓުން ހަމަލާތައް އަމާޒުކުރަނީ ހަމާސްގެ ހަރަކާތްތެރިން އުޅޭ ސަރަހައްދުތަކަށެވެ.
ހަމާސްގެ ލީޑަރެއް ކަމަށްވާ ސާލިހް އަރޫނީ މަރާލި ކަމަށް ވަނީ ބޭރޫތުގައި ހުންނަ ހަމާސްގެ އޮފީހެއްގައި އަސްކަރީ ރޭވުންތަކެއްގައި ހަރަކާތްތެރިވަނިކޮށެވެ.
ސާލިހް އަރޫނީ މަރާލާފައި ވަނީ ޒަޔަނިސްޓުންގެ ޑްރޯން ހަމަލާއެއްގަ އެވެ. ޒަޔަނިސްޓުން ބޭނުންކޮށްފައިވަނީ ވަރަށް ތިރިން ދަތުރުކުރާ -- ސެޓެލައިޓުން ކޮންޓްރޯލް ކުރާ ޑްރޯނެކެވެ.
ނަޖީބު މިގާތީ ވިދާޅުވި ގޮތުގައި ޔަހޫދީން ލުބްނާންގެ އެކި ތަންތަނަށް ހަމަލާދިނުމަކީ ބިރުބޮޑު ކަމެއް ކަމަށެވެ. ހަނގުރާމައިގެ ތެރެއަށް އެހެން ބައިގަނޑުތައް ވެއްދުމަށް މަގުފަހިކުރުވާ ކަމެއް ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔަހޫދީންނަކީ އަބަދުވެސް ގާނޫނު މުގުރާ ބައެއް ކަމަށެވެ. ސަރަހައްދުގައި ހަމަޖެހުން ގާއިމުނުކުރެވިގެން އުޅެނީވެސް ޔަހޫދީންގެ މަކަރުވެރިކަމާއި ދަހިކަމުން ކަމަށްވެސް ވިދާޅުވި އެވެ.
ޣައްޒާ ހަނގުރާމަ ލުބްނާނަށް ފުޅާވުމަކީ އެއްގޮތަކަށްވެސް އޮތް އުއްމީދެއް ނޫން ކަމަށް ނަޖީބު މީގާތީ ވިދާޅުވި އެވެ. ޔަހޫދީންގެ ހަމަލާތައް ލުބްނާނަށް ފުޅާކުރާނަމަ އދ އަށް ޝަކުވާ ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރޫތަށް ދިން ހަމަލާ އަކީ ލުބްނާންގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ ހަމަލާއެއް ކަމަށެވެ. މި ހަމަލާއާ ބެހޭ ގޮތުން އދ ގެ ސަލާމަތީ މަޖިލީހަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ނަޖީބު މީގާތީ އިތުރަށް ވިދާޅުވި ގޮތުގައި ލުބްނާނަށް ދެވެން އޮތް ތަނަކީ އދ އެވެ. ސަލާމަތީ މަޖިލީހަށް މީގެ ކުރިން ހުށަހެޅި ކިތަންމެ މައްސަލައެއް މިހާރުވެސް ހުރީ މަޑުޖައްސާފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.