އިމްރާން އަބްދުﷲ

ޖަލު "ތަޅާލީ" އަނިޔާކުރުމުގެ ފުރުސަތު ނުދޭން: އިމްރާން

މިދިޔަ ސަރުކާރުން މާލޭ ޖަލު "ތަޅާލީ" އެ ޖަލުގައި މީހުންނަށް އަނިޔާކުރުމަށް ފުރުސަތު ނުދޭން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ މާލޭ ޖަލާއި ގުޅޭ ގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ވަކި ޖަލެއްގެ ނަން ވިދާޅުނުވެ އިމްރާން ވިދާޅުވީ އެ ޖަލު ތަޅާލީ އިންސާނިއްޔަތު ކަމެއް ނެތް ބަޔަކަށް ބާރު ލިބުނަސް ދިވެހިން އެތަނަށް ވައްދައިގެން އަނިޔާ ކުރުމަށް ފުރުސަތު ދޭން ބޭނުން ނުވާތީ ކަމަށެވެ.

"އެއް އަހަރުވީއިރު ކަމަކަށްވާ ކަހަލަ އެއްކަމެއްވެސް ނުކޮށް ހުސްއަނގަ ތެޅުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.

"ހަފްތާ 52" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ކަސްޓޯޑިއަލް ފެސިލިޓީ ބޭނުންވާ ކަމަށާއި ނަމަވެސް މިދިޔަ ސަރުކާރުން ޖަލެއް "ތަޅާލި" ކަމަށެވެ.

"ދިވެހިރާއްޖޭގެ ތާރީހުގައި ރަސްމިއްޔާތެއް ބާއްވާފަ ޖަލެއް ތަޅާލި ހަމައެކަނި ފަހަރު. ޖަލުގެ ކެޕޭސިޓީއެއް ނެތް މީހުން ބަންދުކުރާނެ ޖާގައެއް ނެތް،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު އިހްސާން ވިދާޅުވި ގޮތުގައި 150 މީހުންގެ ޖާގައިގެ ގޮޅިތައް "ތަޅާލީ" ސިޔާސީ މަންފާއެއް ހޯދުމަށެވެ. އެ ޖަލު ތަޅާލުމަށްފަހު އަލުން ޖަލު އަޅަން ބޮޑެތި ހަރަދުތަކެއް ކުރިނަމަވެސް އެ ގޮޅިތައް ނުނިމޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަރަދުތައް ކުރިއިރުގައި 50 ގޮޅި 36 މިލިއަން ރުފިޔާއަށް. ޕްރޮޖެކްޓް މީހަކަށް ނުވަތަ ބަޔަކަށް ދެވިފަ ހުރީ،" އިހްސާން ވިދާޅުވި އެވެ.

އެޑްވާންސް ފައިސާގެ ގޮތުގައި އަދި ޕްރޮގްރެސް ޕޭމަންޓްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނެގި ނަމަވެސް ޖަލުތައް ނުނިމޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭ ޖަލަކީ 50 މިލިއަން ރުފިޔާ ހޭދަކޮށްގެން ހަދާފައިވާ ޖަލެއްކަން ފާހަގަކުރައްވާ އިހްސާން ވިދާޅުވީ އެ ޖަލާއި އިންވެގެން ސްކޫލެއް އެޅުމުން މި ސަރުކާރު އައިއިރު ޖަލު ބަންދުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"ކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި އެކިއެކި ޖަމިއްޔާތަކުން އަޅުގަނޑުމެންނަށް މަޖުބޫރުކުރުވީ،" އިހްސާން ވިދާޅުވި އެވެ.

މާލޭ ޖަލު ބަންދުކުރަން މިދިޔަ ސަރުކާރުގައި އެޗްއާރްސީއެމް އިން ތަކުރާރުކޮށް އެންގި އެވެ.