އެކްސްޕެޓް ސިސްޓަމް ހެދި މޭލޭޝިއާގެ ބެސްޓިނެޓް ކުންފުންޏަށް ބަދަލުދޭން ލަފާ ދިނީ ކުރީ ސަރުކާރުގެ ބަންޑާރަނައިބު ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ ބެސްޓިނެޓް ކުންފުނިން ދައުވާ ނުކުރާ ކަމެއްގައި 6.9 ބިލިއަން ރުފިޔާ ދިގު މުއްދަތެއްގައި ދައުލަތުން ހޭދަވެގެންދާ ގޮތެއްގައި އެކްސްޕެޓް ސިސްޓަމް ހަވާލުކުރެވުނީ ކިހިނެތްތޯ ސުވާލު ކުރައްވާފަ އެވެ.
ނާޒިލްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ބެސްޓިނެޓް ކުންފުނިން ކުރީގެ ސަރުކާރުތަކާއެކު އަށް ސިޓީ ބަދަލުކޮށްފައިވާ ކަމަށެވެ.
"އެ ބޭފުޅުންގެ ލޯ ފާމްތަކުން އެބަ އޮތް ހަތަރު ފަހަރު ވަކިން ދިވެހި ދައުލަތުގެ މައްޗަށް ކްލެއިމްކޮށްފަ ފޮނުވާފަ،" އިހްސާން ވިދާޅުވި އެވެ.
ސަރުކާރާ ހަވާލުވެ ބެލިބެލުމުން ބަދަލު ދިނުމުގެ މަރުހަލާ ފެށުމުގެ ލަފާ ދިނީ ކުރީ ސަރުކާރުގެ ބަންޑާރަނައިބުކަން ފާހަގަކުރެވުނު ކަމަށް އިހްސާން ވިދާޅުވި އެވެ. މީގެ އިތުރުން އެކަމާ ގުޅޭ ސިޓީއެއް ރައީސް އޮފީހުން އިމިގްރޭޝަން އާއި އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އޭރުގެ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސިޓީފުޅެއް އެބައޮތް މިކަމާމެދު ބަދަލު ދިނުމުގެ މަރުހަލާއަށް ދާންޖެހިދާނެ ކަމަށް އަދި އެކަމަށް އަމަލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަން އާއި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ފޮނުވާފަ،" އިހްސާން ވިދާޅުވި އެވެ.
ގެއްލުމުގެ ބަދަލަށް ވަގުތުން 15 މިލިއަން ޑޮލަރު އަދި އެއަށްފަހު އެއްބަސްވުމުގެ ބާކީ މުއްދަތަށް ގެއްލުންވާ އަދަދަށް ކްލެއިމްކުރާނެ ކަމަށް އެ ކުންފުނިން އޮތީ ބުނެފަ އެވެ.
"އެމީހުން އިމީޑިއޭޓްލީ ކްލެއިމްކޮށްފައި މިވަނީ 15 މިލިޔަން ޑޮލަރަށް. އަދި އެއަށްފަހުގައި އޭރުގެ އެ ކޮންޓްރެޓުގެ މުއްދަތުގެ ބާކީއަށް އޮތް އެމީހުންނަށް ގެއްލުންވާ އަދަދަށް ކްލެއިމް ކުރާނެކަމަށް ލީގަލް ޑޮކިއުމަންޓޭޝަން އޮވެފައި އޭރުގެ އެޓާނީ ޖެނެރަލްގެ ލަފާފުޅެއްވެސް އޮވެގެން އަޅުގަނޑުމެން އަމަލުކުރި ގޮތެއް،" ވަޒީރު އިހްސާން ވިދާޅުވި އެވެ.
އެކްސްޕެޓް ސިސްޓަމުން މީގެ ކުރިން ދައުލަތަށް ވަންނަމުން އައީ 600 މިލިއަން ރުފިޔާ ނަމަވެސް މި ސަރުކާރުން ހެދި އެއްބަސްވުމާއެކު 900 މިިލިއަން ރުފިޔާ ވަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.