މިނިސްޓަރު އަލީ އިހުސާން

ބިދޭސީންނާއި ގުޅޭ ފީތަކުން 1.1 ބިލިޔަން ރުފިޔާ ހޯދައިފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ގުޅޭގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.1 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ގެނެސްދިން "ރިޔާސީ ބަޔާން 2025 ފޯރަމް" ގައި އިހްސާން ވިދާޅުވީ ބިދޭސީންނާއި ގުޅޭގޮތުން ދައުލަތަށް 1.8 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން އޭގެ ތެރެއިން 1.1 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް މިނިސްޓަރު އިހްސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމާއި ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ގޮތުން "އޮޕަރޭޝަން ކުރަނގި" ޕްރޮގްރާމްގައި މިހާތަނަށް 44،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށް އިހްސާން ވިދާޅުވި އެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 5،300 އަށް ވުރެ ގިނަ ބިދޭސީން ވަނީ މިވެރިކަމުގެ ތެރޭގައި ޑިޕޯޓްކޮށްފަ އެވެ.