ބިދޭސީން

ބިދޭސީންގެ ފީ ދައްކަން ކުދި ވިޔަފާރިތަކަށްވެސް މުއްދަތެއް

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ހުއްދަތަކަށް ގާނޫނާއި ގަވާއިދުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއް ލައްކަ ރުފިޔާއަށްވުރެ މަދުން ދައްކަންޖެހޭ ވަޒީފާދޭ ފަރާތްތަކުން އެ ފައިސާ މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެ ތާރީހުގެ ނިޔަލަށް އެ ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްނުކުރާ ވަޒީފާދޭ ފަރާތްތައް އާންމުކޮށް އިއުލާނުކުރާނެ ކަމަށެވެ. އަދި އާ ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމަށްވެސް ބުނެފައިވެ އެވެ.

"އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އާ ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ،" ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ އެއްފަހަރާ ހުރިހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާ ލިބެމުންދާތީ މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި އެއްބަސްވުމުގެ މުއްދަތާއި އިތުރު މައުލޫމާތު އެކްސްޕެޓް ސިސްޓަމުން ލިބެން ހުންނާނެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މީގެ ކުރިން ވަނީ ބިދޭސީންގެ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއް ލައްކަ ރުފިޔާ އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފަ އެވެ.

އެ މިނިސްޓްރީން މި އަހަރުގެ ޖުލައި މަހު އާންމުކުރި ލިސްޓުގައި 1،000 އަށްވުރެ ގިނަ ފަރާތް ހިމެނެ އެވެ.

މީގެތެރޭގައި ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތައްވެސް ހިމެނެ އެވެ. އަދި ސިޔާސީ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ އެތައް ކުންފުންޏެއްވެސް މި ލިސްޓުގައި ހިމެނެ އެވެ.

އޭގެ ތެރެއިން ބައެއް ކުންފުނިތަކުން އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ދައްކަން ޖެހެ އެވެ.

އެ ލިސްޓް އާންމުކުރިފަހުން 182 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ މިދިޔަ އޮގަސްޓް މަހު ހާމަކޮށްފަ އެވެ.