ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ފީ އަދި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކޮށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އާންމުކުރި ލިސްޓާ ގުޅިގެން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ މެންބަރު ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ކުރަމުންދާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑެތި ކުންފުނިތައް ބައިވެރިވާ ޖަމިއްޔާ -- އެމްއެންއޭސީއައި އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ މަސައްކަތަށް ގެނެސްފައިވާ ބިދޭސީންގެ ފީގެ ނުދައްކާހުރި ފައިސާ ކަމަށް ބުނާ ލިސްޓާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ކުންފުނިތަކުގެ ހިސާބުތައް ދިމާނުވާ ކަމަށް އެ އެސޯސިއޭޝަންގެ މެންބަރު ކުންފުނިތަކުން ބުނަމުންދާ ކަމަށެވެ.
އެމްއެންއޭސީއައިގެ ބަޔާނުގައި ވަނީ ކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހޭ ފައިސާ އާއި ކުންފުނިތަކުން ސަރުކާރުގައި ޑިޕޮޒިޓްކޮށް ދޫނުކޮށް ހުރި ފައިސާގެ އެކައުންޓް މުރާޖައާކޮށް ކުންފުނިތަކާ ވާހަކަ ދައްކައިގެން ދެ ފަރާތުން އެއްބަސްވެވޭ، ކުންފުނިތައް ބަދުނާމު ނުވާނެ ގޮތަކަށް މި މައްސަލަ ހަމަޖެއްސުމަށް މަސައްކަތްކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ހުއްދަތަކަށް ގާނޫނާއި ގަވާއިދުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއްލައްކަ ރުފިޔާ އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އާންމުކުރީ މިމަހުގެ 24 ވަނަ ދުވަހު އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ކުރިއަށް އޮތް އޮގަސްޓް 12 ވަނަ ދުވަހުގެ ކުރިން ދެއްކުމަށްވެސް އަންގާފަ އެވެ. އެ ފައިސާ ނުދައްކައިފިނަމަ، އެ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުއްދަ ދިނުން ހުއްޓާލެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އާއްމު ކުރި ލިސްޓުގައި 1،000 އަށްވުރެ ގިނަ ފަރާތް ހިމެނެ އެވެ. މީގެތެރޭގައި ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތައްވެސް ހިމެނެ އެވެ. އަދި ސިޔާސީ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ އެތައް ކުންފުންޏެއްވެސް މި ލިސްޓުގައި ހިމެނެ އެވެ.
ލިސްޓުން އެނގޭ ގޮތުގައި ބައެއް ކުންފުނިތަކުން އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ދައްކަން އެބަހުއްޓެވެ.