ރައްޔިތުންގެ މަޖިލިސް

އިހުސާން އާއި ސައީދު ގާނޫނާ ހިލާފުވި ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައްސަލަ ހުށަހަޅުއްވަމުން ހިސާން ވިދާޅުވީ ސަރުކާރުން އާންމުކޮށްފައިވާ އެންމެފަހުގެ "ފޮރިން ލޭބާ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓް 2023" ގެ ތަފާސްހިސާބުތަކުން މިވަގުތު ރާއްޖޭގައި ބަންގްލަދޭޝްގެ 139،220 ވޯކް ޕާމިޓް ހޯލްޑަރުން ތިބި ކަމަށް ދައްކާ ކަމަށެވެ.

ނަމަވެސް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރަން އެއް ގައުމަކުން އެންމެ ގިނައިން ގެނެވޭނެ އަދަދަކީ 100،000 މީހުންކަން ހިސާން ފާހަގަކުރެއްވި އެވެ.

ހިސާން ވިދާޅުވީ ވަޒީފާއާބެހޭ ގާނޫނާއި ހިލާފަށް މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގައި ރާއްޖެއަށް އަންސްކިލްޑް ލޭބަރުންގެ ގޮތުގައި ބަންގްލަދޭޝް މީހުން ވަޒީފާ އަދާކުރަން ގެނެވޭނެ ކަމަށާއި ބަންގްލަދޭޝް ފިޔަވައި އެހެން ގައުމުތަކުން އަންސްކިލްޑް ލޭބަރުން ގެނައުން މަޑުޖެއްސުމަށް ސަރުކާރުން ހަމަޖައްސާފައިވާކަން ހޯމްލޭންޑް މިނިސްޓްރީން އިއުލާނުކޮށްފައިވާ ކަމަށެވެ.

"ވަކި ގައުމެއްގެ ރައްޔިތުންނަށް ރާއްޖެއަށް މަސައްކަތް ކުރުމަށް އައުމުގެ ހުއްދަ ދީ، އެހެން އެވެސް ގައުމެއްގެ ރައްޔިތުންނަށް އެ ހުއްދަ ނުދޭ ގޮތަށް ސަރުކާރުން ނިންމާފައިވަނީ އެއްވެސް ދިރާސާއެއް ކުރުމަކާ ނުލައި އަދި ވަޒީފާއާބެހޭ ގާނޫނުގެ 65-1 ވަނަ މާއްދާގެ މަގުސަދު ގެއްލޭ ގޮތަށް، ގާނޫނުގެ އެމާއްދާއިން ހާސިލުކުރަން ބޭނުންވާ އެއްވެސް މަގުސަދެއް ހާސިލުނުވާނޭ ގޮތަށް،" ހިސާން ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވެ އެވެ.

ސަރުކާރުން މިކަމުގައި އަމަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބައެއް އާންމުން ތުހުމަތުކޮށްފައިވަނިކޮށް ސަރުކާރުން އާންމުކޮށްފައިވާ "ފޮރިން ލޭބަ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓް 2023" އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި ޓްވިޓާ -- އެކްސް އިން ފޮހެލާފައިވާތީ މިއީ އިކޮނޮމިކް މިނިސްޓްރީން ނުނިޔަތެއް އޮވެގެން ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށް ހިސާން ވިދާޅުވި އެވެ.

"ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ ގާނޫނުއަސާސީ އާއި ގާނޫނަށް ތަބާވާންޖެހޭ ބަޔަކަށް ވާންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް އޮތުމާ ހިލާފަށް އިސްވެ ދެންނެވުނު މިނިސްޓަރުން އަމަލުކޮށްފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ހުށަހަޅަން،" ހިސާން ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި ބިދޭސީން ގެނައުމަށް ހުއްދަ ދިނުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުމަކީ ހޯމްލޭންޑް މިނިސްޓްރީގެ މެންޑޭޓުގައި ހިމަނާފައިވާ ކަމެކެވެ. ނަމަވެސް ވަޒީފާއާބެހޭ ގާނޫނު ތަންފީޒުކުރުމަށް ހަދަންޖެހޭ ގަވާއިދުތައް ހެދުން ހިމެނެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މެންޑޭޓުގަ އެވެ.