ހަބަރު

ބިދޭސީ މުޒާހަރަކާތަކީ ސިޔާސީ ކަމެއް: ފައްޔާޒު

ފަހަކަށް އައިސް މަގުމަތީގައި ހިނގަމުންދާ ބިދޭސީންގެ މުޒާހަރާތަކަކީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދެއް އޮވެގެން ހިންގަމުންދާ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ތުހުމަތު ކުރައްވައިފި އެވެ.

ފަހަކަށް އައިސް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކުގެ ތެރެއިން މުސާރަ ނުލިބޭ ބިދޭސީންތަކެއް ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލަތް) ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ.

މަޖިލީހުގެ ތަޅުމުގައި އެ ކުއްލި މައްސަލަ ކުރިއަށް ދިޔަ ވަގުތުގައި، މިނިސްޓަރު ފައްޔާޒު މަޖިލީހުގެ ކޮމިޓީއަކަށް މައުލޫމާތުތަކެއް ދެއްވުމަށް ވަޑައިގެން އިންނެވި އެވެ. ފައްޔާޒު މަޖިލީހުގައި އެ ވަގުތު ހުންނެވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭނާއަށް ތަޅުމަށް ވަޑައިގެން މައްސަލާގައި ވާހަކަތަކެއް ދެއްކެވުމަށް ފުރުސަތު ދެއްވައިފަ އެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ހުޅުމާލޭގައި ފަހަކަށް އައިސް ބިދޭސީން މުޒާހަރާ ކޮށްފައިވާއިރު، އެއީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގުސަދެއްގައި ބިދޭސީން ލައްވައި ކުރުވަމުންދާ ކަމެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި ނަމަވެސް އެ ތުހުމަތު ކުރައްވަނީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަން ނުވަތަ ވާދަވެެރި އެހެން ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަށް ނޫން ކަމަށެވެ. ސިޔާސީ ބޭނުމަކަށްޓަކައި ސަރުކާރުގެ އަގު ވައްޓާލަން އެހެން ބަޔަކު ކުރާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ކަންބޮޑުވާ ކަމަކީ ސިޔާސީ ބޭނުމަށް ޓަކައި [މި ކަން ކުރާތީ]، އަޅުގަނޑު މި އިނގިލި ދިއްކުރަނީ އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކަކަށް ނޫން، ސިޔާސީ ބޭނުމަށް ޓަކައި އެހެން ބަޔަކު ކުރާ ކަމެއް، ހަލަބޮލިކަން ގެނައުމަށް ޓަކައި މި މުޒާހަރާތައް ކުރިއަށް ގެންދަނީ." ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އޭނާ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަހާ ހިނދަކު ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ގޮތުން ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ ރުހުމުގައި ފޮނުވާ ލުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި މިއަދު ވެސް ބިދޭސީންތަކެއް މުޒާހަރާކޮށް ފުލުހުންނަށް ހަމަލާ ދީފައިވެ އެވެ. ފުލުހުން މިހާރު އެ މުޒާހަރާ ކޮންޓްރޯލް ކޮށްފައިވެ އެވެ. މި މަހުގެ ހަވަނަ ދުވަހު ވެސް މުސާރަ ނުލިބިގެން ބިދޭސީންތަކެއް ހުޅުމާލޭގައި މުޒާހަރާ ކުރި އެވެ.

އޭގެ ކުރިން ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީންނަށް ހަތް މަސް ވަން ދެން މުސާރަ ނުދީގެން އެ ރަށުގައި ހަމަނުޖެހުންތަކެއް ހިންގައި އެ ރަށުގައި މަސައްކަތް ކުރި ދިވެހިންތަކެއް ހައްޔަރު ވެސް ކުރި އެވެ. ފަހުން ދިވެހިން ސަލާމަތް ކުރެވުނީ ވެސް ސިފައިންނާއެކު ފުލުހުން އެ ރަށަށް އަރައިގެންނެވެ.

ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ އެ ބިދޭސީންނަކީ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ މުވައްޒަފުންނެވެ. މުސާރަ ނުދެވުނީ އެ ރަށް ތަރައްގީ ކުރާ އަނެއް ކުންފުނި ސީލް މޯލްޑިވްސް އިން ފައިސާ ނުދިނުމުން ކަމަށް ރިޒް ކުންފުނިން ބުނެ އެވެ. އެކަމަކު ސީލް ކުންފުނިން އެ ވާހަކަ ދޮގު ކުރެ އެވެ.