އެމްޑީޕީ

ޕާޓީ ބަދަލުނުކުރަން އެމްޑީޕީގެ ކެންޑިޑޭޓުން ހުވާކޮށްފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަޖިލީހަށް އިންތިހާބުވުމަށްފަހު ޕާޓީ ބަދަލުނުކުރާނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހުވާކޮށްފި އެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވުމަށްފަހު ޕާޓީ ބަދަލުނުކުރާނެ ކަމަށް ކެންޑިޑޭޓުން ހުވާކޮށްފައިވަނީ ކުރިއަށް އޮތް 20 ވަނަ މަޖިލިސް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގަ އެވެ.

ކެންޑިޑޭޓުންނަށް ހުވާލައި ދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ.

އެމްޑީޕީގެ ޓިކެޓްގައި 19 ވަނަ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންވެސް ޕާޓީ ބަދަލުނުކުރާނެ ކަމަށް ހުވާކުރި އެވެ.

ނަމަވެސް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވުމަށްފަހު ބައެއް މެންބަރުން ވަނީ ޕާޓީ ބަދަލުކުރައްވާފަ އެވެ.

އެ ގޮތުން އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ 13 މެންބަރަކު އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް އުފެއްދި އެވެ. މީގެ އިތުރުން އެމްޑީޕީގެ 13 މެންބަރަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.