އަހުމަދު ސަލީމް (ރެޑްވޭވް)

ސުޕަމެޖޯރިޓީއާއެކު މަސައްކަތް ކުރާނީ އިދިކޮޅު ބާކީނުކޮށް: ސަލީމް

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަންކުރާ ޕީއެންސީއަށް ލިބިފައިވީ ނަމަވެސް އިދިކޮޅު މެމްބަރުން ބާކީ ނުކުރާނެ ކަމަށް ހަތަރު ވަނަ ދައުރަކަށް އޭދަފުށި ދާއިރާގެ ގޮނޑިއަށް އިންތިހާބު ވެވަޑައިގެންނެވި އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަފުސާނީ ފަރުވާގެ ބިލަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ސުޕަ މެޖޯރިޓީ ލިބިފައިވީ ނަމަވެސް އެއްވެސް ބަޔަކަށް ބިރު ދައްކައި ގެއްލުންދީ ނުހަދާނެ ކަމަށެވެ.

މައިނޯރިޓީއަށް އިހުތިރާމު ކުރާނެ ކަމަށާއި މަޖިލިސް ކުރިއަށްގެންދާނީ މައިނޯރިޓީވެސް ހިމަނައިގެން ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ހިނގަމުންދާ 19 ވަނަ މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީން މައިނޯރިޓީއަށް ހުރަސް އަޅަމުންދިޔަ ކަމަށެވެ.

"އެންމެ ހައެއްކަ މީހުންނަށް ވާހަކަ ދައްކާލާނެ ފުރުސަތުވެސް ނުދިން. އެ ފުރުސަތަށް އަންނަނީ ނިޒާމީ ނުކުތާ ނަގައިގެން ހުރަސް އަޅަމުން ފުރައްސާރަކުރަމުން،" ސަލީމް ވިދާޅުވި އެވެ.

އާ ސަރުކާރު އިންތިހާބުވުމަށްފަހުވެސް އެމްޑީޕީން މަޖިލީހުގައި ބާރު ބޭނުންކޮށް ޖެއްސުންކޮށް ބިރު ދައްކައިގެން ކަންކަން ކުރި ކަމަށް ސަލީމް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"މައިނޯރިޓީއަށް އިހުތިރާމުނުކޮށް އެމީހުން ބަލިކޮށްލާކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން،" ސަލީމް ވިދާޅުވި އެވެ.