ރައްޔިތުންގެ މަޖިލިސް

ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަން މަޝްވަރާ ކުރަނީ

ރައްޔިތުންގެ މަޖިލީހުން ނިންމަން ހުރި ބައެއް މަސައްކަތްތައް އަވަސްކުރަން ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަން މަޖިލީހުގައި ތަމްސީލުކުރާ ޕާޓީތަކުން މަޝްވަރާތައް ފަށައިފި އެވެ.

މަޖިލިސް މެންބަރަކު މިއަދު "އަވަސް" އަށް ވިދާޅުވި ގޮތުގައި ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަނީ ބައެއް މަސައްކަތްތައް އަވަސްކުރުމަށެވެ. އޭގެ ތެރޭގައި މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ހިމެނޭ ކަމަށް މެންބަރު ވިދާޅުވި އެވެ.

ދައުރުން ބޭރު ޖަލްސާތަކެއް ބޭއްވުމަށް މަޝްވަރާތައް ފަށާފައިވާއިރު މަޖިލިސް މިއަހަރަށް ހުޅުވައި ޖަލްސާތައް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހާ ދިމާވާތީ ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވަން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހެއް ހުށަހަޅަން އެމްޑީޕީން ވަނީ ނިންމާފަ އެވެ. ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީގެ އިސްވެރިންވެސް ބޮޑަށް ތާއީދުކުރަނީ ރޯދަ މަހުގެ ފަހުން އިންތިހާބު ބޭއްވުމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ކަނޑައަޅާފައި އޮތް ގޮތުންނަމަ މަޖިލިސް އިންތިހާބު އޮންނާނީ މިއަހަރުގެ މާޗް 17 ވަނަ ދުވަހެވެ.

ގާނޫނު މިހާރު އޮތް ގޮތުން ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު އިއުލާނު ކުރަންޖެހެ އެވެ.