ރައްޔިތުންގެ މަޖިލިސް

އެމްޑީޕީއާއެކު ބައެއް ޕާޓީތަކުން ކޮމިޓީތަކަށް ނަމެއް ނުފޮނުވި

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ތަމްސީލުކުރާނެ މެންބަރުންގެ ނަންތައް އެމްޑީޕީ އާއި ބައެއް ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވާތީ ޖަލްސާ ނުފެށިވާކަން ފާހަގަކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިހާބުކުރުމަށް ކޮމިޓީތަކުގައި ތަމްސީލުކުރާނެ މެންބަރުންގެ ނަންތައް މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގެ ކުރިން ފޮނުވުމަށް ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުންގެ އަރިހުގައި ދަންނަވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކޮމިޓީތަކުގައި ތަމްސީލުކުރާނެ މެންބަރުންގެ ނަންތައް މިހާތަނަށް ހުށަހަޅާފައިވަނީ ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް އަދި ޕީއެންސީންނެވެ.

"އެމްޑީޕީ ވަނީ އަދި އެ ކޮމިޓީތަކުގައި ހިމެނޭ މެންބަރުން މަޖިލީހުގެ އިދާރާއަށް ނުފޮނުވާ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީ -- ޖޭޕީ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް -- އެމްޑީއޭ އިންވެސް ކޮމިޓީތަކަށް އެ ޕާޓީތަކުން ތަމްސީލުކުރާނެ މެންބަރުން ހުށަހަޅާފައިނުވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީތައް ހަމަޖައްސަން ގަސްތުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ކޯރަމް ހަމަނުވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވި ވަނީ ނިންމާލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލު ފާސްކުރީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.