ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާނެ ނިސްބަތް މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާނެ ނިސްބަތް ފާސްކުރަން ފެންނަ ކަމަށް 35 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 14 މެންބަރުން ވޯޓު ދެއްވި އެވެ.
ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާނެ ނިސްބަތް ފާސްވުމުން އެ ނިސްބަތުން މެންބަރުން އައްޔަންކުރަން ކޮމިޓީތަކުގައި ތަމްސީލުކުރާނެ މެންބަރުންގެ ނަންތައް މިރޭ 9:00 ގެ ކުރިން ފޮނުވައިދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު އެދިވަޑައިގެންނެވި އެވެ.
ހަސަން އަފީފު ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމިޓީތަކަށް މިނިވަން މެންބަރުން އައްޔަންކުރާނީ މަޖިލީހުގެ ރައީސް އެވެ.
ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާ ނިސްބަތް ފާސްވެގެންދިއުމާއެކު އެމްޑީޕީއަށް 113 ސްލޮޓް -- 62 ޕަސަންޓް ލިބޭނެ އެވެ.
ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާނެ ނިސްބަތް
- އެމްޑީޕީ - 113 ސްލޮޓް - 62 ޕަސަންޓް
- ޕީޕީއެމް - 11 ސްލޮޓް - ހަ ޕަސަންޓް
- ޕީއެންސީ - 7 ސްލޮޓް - ތިން ޕަސަންޓް
- އެމްއެންޕީ - 7 ސްލޮޓް - ތިން ޕަސަންޓް
- ޖުމްހޫރީ ޕާޓީ - 5 ސްލޮޓް - ދެ ޕަސަންޓް
- އެމްޑީއޭ - 5 ސްލޮޓް - ދެ ޕަސަންޓް
- ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން - 35 ސްލޮޓް - 21 ޕަސަންޓް
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް އިދިކޮޅު މެންބަރުން 10 އިސްލާހު ހުށަހެޅި ނަމަވެސް އެ އިސްލާހުތައް ފާސްނުކޮށް ވަނީ ބޭރުކޮށްލާފަ އެވެ.
އެގޮތުން މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު އާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ހުށަހެޅުއްވި އިސްލާހުތަކާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި އިސްލާހެއް ވަނީ ބޭރުކޮށްލާފަ އެވެ.