ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ކޮމިޓީތައް އެކުލަވާލަން އެއްބަސްވުމަކަށް ނާދެވޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމުގައި އެއްބަސްވުމަކަށް ނާދެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ކޮމިޓީތަކަށް ބަދަލު ގެންނަންޖެހޭކަން ފާހަގަކުރައްވާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމުގައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މިކަމާ ޕާޓީތަކުން މަޝްވަރާކޮށް ގޮތެއް ނިންމުމަކީ ބޭނުންތެރި ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހުނީ ރައީސް ނަޝީދަށް ތާއިދުކުރައްވާ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންތަކެއް އެ ޕާޓީން މިދިޔަ މަހު ވަކިވުމުންނެވެ.

ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމުގައި މަޖިލީހުގެ އިދާރާއިން މިދިޔަ މަހު ސިޔާސީ ޕާޓީތަކާ މަޝްވަރާކުރި އެވެ. ނަމަވެސް ހުރިހާ ޕާޓީތަކަށް އެއްބަސްވުމަށް ވަނީ ނާދެވި އެވެ.