ސުޕްރީމް ކޯޓް

ނަޝީދު ވަކިކުރުމުގެ މައްސަލަ: މިއަދު ހުކުމްކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ހުކުމް ކުރުމަށް ތައްޔާރުވެއްޖެ އެވެ.

މިމައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ މަޖިލިސް ތާވަލްކޮށްފައިވަނީ މިއަދު ހަވީރު 4:00 ހާއިރު އެވެ.

މިމައްސަލައިގައި ބޭއްވީ ދެ އަޑުއެހުމެކެވެ. އެއީ ހޯމަ އަދި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމެކެވެ.

އެމްޑީޕީން ހުށަހަޅާފައިވާ ދުސްތޫރީ މިމައްސަަލައަށް ޕީޕީއެމް ޕީއެންސީއާއި ދަ ޑިމޮކްރެޓްސް ތަދައްޚުލްވެ މައްސަލައާއި ގުޅޭގޮތުން އެ ޕާޓީތަކަށް ފެންނަ ގޮތް ޝަރީއަތުގައި ހާމަކުރައްވާފައިވެ އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގައި އެހެންވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެެވެ. މިމައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31 ފިޔަވާ ކޮންމެ ދުވަހަކުވެސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން އެޖެންޑާ ކުރެ އެވެ. ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވާތީ އެއްވެސް ޖަލްސާއެއް ކުރިއަކަށް ނުގެންދެވެ އެވެ.

އީވާ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި ގޮތެއް ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ކަމަށް މަޖިލީހުގެ އިދާރާ އަށް އަންގަވާފަ އެވެ. ނަމަވެސް މަޖިލީހުގެ އިދާރާ އިން ވަނީ ކޯޓުގައި މައްސަލަ އޮތަސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އީވާ އަށް އަންގާފަ އެވެ.