ދަ ޑިމޮކްރެޓްސް

މަޖިލީހުގެ ނިންމުން ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ބޭއްވި ދެވަނަ އަޑުއެހުމުގައެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ރައީސް ނަޝީދު ކުރިން ރައީސްކަން ކުރެއްވި އެމްޑީޕީންނެވެ.

ރައީސް ނަޝީދު މިހާރު ނިސްބަތްވާ ދަ ޑިމޮކްރެޓްސް އިން މިމައްސަލައަށް ތަދައްޚުލްވެ އެ ޕާޓީގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކީ ގާނުނު އާސާސީގެ 88 ވަނަ މާއްދާ އަދި ގާނޫނު އަސާސީގެ 95 ވަނަ މާއްދާއާ ހަވާލާދޭއިރު ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ހިނގާ މައްސަލައެއް ނޫނެވެ.

ގާނޫނުއަސާސީގެ 88 ވަނަ މާއްދާ އަކީ މަޖިލީހުގެ ހިންގުމުގެ ގަވައިދު ކަނޑައެޅުމުގެ މާއްދާ އެވެ. ގާނޫނުއަސާސީގެ 95 މާއްދާ އަކީ ސުޕްރީމް ކޯޓުގެ ލަފާ ހޯދިދާނެ ގޮތް ބަޔާން ކުރާ މާއްދާ އެވެ.

ސުޕްރީމް ކޯޓުގައި ދަ ޑިމޮކްރެޓްސް ވަކާލާތު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށް ތާއީދުކޮށްފަ އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ. މަޖިލީހުގެ ނައިބް އީވާ އަބްދުﷲ ގެންދަވަނީ ބަލި ކަމަށް ވިދާޅުވެ މަޖިލިސް އިދާރާއަށް ސަލާމު ފޮނުއްވަމުންނެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގައި އެހެންވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.

މަޖިލީހުގެ އިދާރާ އިން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާ ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބް ރައީސް ރިޔާސަތުގައި އިންނަވައިގެން ކަމަށާއި އެ ނޫން ބޭފުޅަކަށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ގަވައިދު އިސްލާހުކޮށްގެން ކަމަށެވެ. އަދި ނަޝީދުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް ހުށަހެޅިފައިވިޔަސް މަޖިލީހުގެ ތަޅުމަށް ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަދި ހުށަހެޅިފައި ނުވާތީ މަޖިލިސް ހުއްޓެންޖެހޭ އަދި މަޖިލީހުގެ އެހެން ޖަލްސާއެއް ނުބޭއްވޭނެ ސަބަބެއް ނެތް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ އިއްޔެ ވަނީ ކޯޓުގައި ވިދާޅުވެފަ އެވެ. ޑިމޮކްރެޓުން ވަނީ ފިލްޒާގެ މި ވާހަކަތަކަށް މިއަދު ކޯޓުގައި ތާއީދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ވާހަަކަދައްކަވަމުން ޑިމޮކްރެޓްސްގެ މަސްއޫލުވެރިޔާ އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ސުޕްރީމް ކޯޓަށް މިހާރު ހުށަހެޅިފައި އޮތީ ގާނޫނީ މައްސަލައަކަށް ވުރެ ސިޔާސީ މައްސަަލައެއް ކަމަށެވެ. އެގޮތަށް މާނަކުރެވެނީ އެމްޑީޕީން މީގެކުރިންވެސް ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު އަނބުރާ ގެންގޮސް އަނެއްކާވެސް އެ މައްސަލަ ހުށަހެޅި ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ ކަމަށެވެ.

ހަސަން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާއަށް ބަލާއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބް ރައީސް ކަމަށެވެ. އަދި އެެއީ ހާއްސަ އިޖުރައާތެއް ހިންގަންޖެހޭ މައްސަލައެއް ކަމަށްވާތީ އެ މައްސަލަ ކުރިއަށް ގެންދަންވާނީ އެ މާއްދާގައި ގޮތަށް މަޖިލީހުގެ ނައިބް ރައީސް ރިޔާސަތުގައި އިންނަވައިގެން ކަމަށެވެ. މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަންޖެހޭ އެހެން ބޭފުޅުންގެ ވާހަކަ އޮތް ނަމަވެސް އެއީ އާންމު އިޖުރައާތުގެ ދަށުން ކުރިއަށް ގެންދާ މައްސަލަތަކުގައި ރިޔާސަތު ބަލަހައްޓަވަންޖެހޭ ބޭފުޅުން ކަމަށްވެސް ހަސަން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެެވެ. މިމައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.