ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން ފަށައިފި އެވެ.
އެމްޑީޕީން ހުށަހަޅާފައިވާ ދުސްތޫރީ މިމައްސަަލައަށް ޕީޕީއެމް ޕީއެންސީއާއި ދަ ޑިމޮކްރެޓްސް ވަނީ ތަދައްޚުލްވެފަ އެވެ. މިމައްސަލައަށް ތަދައްޚުލްވުމަށް ޑިމޮކްރެޓުންގެ ވަކިވަކި މެންބަރުން ހުށަހެޅުމުން ފުރަތަމަ އެ ފުރުސަތެއް ކޯޓުން ނުދެ އެވެ. ނަމަވެސް ފަހުން ޕާޓީގެ ފަރާތުން އެކަމަށް އެދި ހުށަހެޅުމުން ސުޕްރީމް ކޯޓުން ރޭގެ ވަގުތެއްގައި ވަނީ މިމައްސަލައަށް ތަދައްޚުލްވުމަށް ޑިމޮކްރެޓުންނަށް ފުރުސަތު ދީފަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު މައްސަލައިގެ އަޑުއެހުން ފެށުމާ އެކު ކޯޓުގައި ޑިމޮކްރެޓުން ތަމްސީލް ކުރާ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި އަބްދުﷲ ޝާއިރު ވަނީ މިމައްސަލަ ފަސްކޮށްދިނުމަށް އެދިފަ އެވެ. ޑިމޮކްރެޓުން އެގޮތަށް ހުށަހެޅީ ތަދައްޚުލްވުމަށް ފުރުސަތު ލިބުނު ފަހުން ލިޔެކިޔުންތައް ލިބުނީ މައްސަލަ އަޑުއެހުން ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ރޭގެ ވަގުތެއްގައި ކަމަށްވާތީ މައްސަަލަ އިތުރަށް ދިރާސާކުރުމަށް ވަގުތު ބޭނުންވާތީ އެވެ.
ޑިމޮކްރެޓުން ހުށަހެޅީ އަންނަ ބުރާސްފަތި ދުވަހު މިމައްސަލައިގެ އަޑުއެހުން ފެށުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަހާޒް އަލީ ޒާހިރު ވަނީ މިމައްސަލައިގައި ފުރުސަތު ދިނުމުގައި އެއްވެސް ޕާޓީއަކާ މެދު ތަފާތުކުރުމެއް ގެންގުޅުއްވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ފަނޑިޔާރު ވަނީ މައްސަލަ މިއަދު ފެށުމަށް ނިންމަވާފަ އެވެ. އަދި މިމައްސަލައިގެ އަޑުއެހުންތައް ތާވަލްކޮށްފައިވާ ގޮތުން ޑިމޮކްރެޓުންނަށްވެސް އެކަށީގެންވާ ފުރުސަތު ލިބޭނެ ކަމަށް ދޭހަވާ ގޮތަށް ފަނޑިޔާރު ވާހަކަފުޅު ދެއްކެވި އެވެ.
އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ދައުވާކުރާ މިމައްސަލައިގައި މަޖިލިސް ތަމްސީލް ކުރައްވަނީ ބަންޑާރަނައިބް އެވެ. ނަމަވެސް އެމްޑީޕީން ހުށަހަޅާފައިވާ މިމައްސަލައިގައި ބަންޑާރަނައިބްގެ ގާނޫނީ ލަފާތައް މީގެކުރިން ދެއްވާފައިވަނީވެސް އެމްޑީޕީގެ ހުށަހެޅުންތަކާ އެއްގޮތްވާ ގޮތަށެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގައި އެހެންވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.
މިމައްސަލައިގެ އަޑުއެހުން ފެށުމުގެ ގޮތުން އެމްޑީޕީގެ ފަރާތުން މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި އަހްމަދު އަބްދުﷲ އަފީފް އެވެ. މައްސަލަ ހުށަހަޅުއްވަމުން އަހްމަދު ވިދާޅުވީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި އަދި މަޖިލީހުގައި އަމަލުކުރަމުންދާ އާންމު އުސޫލަށް ބަލާއިރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތް ގޮތަށް މަޖިލީހާ ގުޅޭ އެއްވެސް ކަމެއް ތަރުތީބު ކުރެވިފައި ނެތް ކަމަށެވެ. އެހެންވެ އޭނާ އެދިވަޑައިގަތީ އެމްޑީޕީން ހުށަހަޅާފައިވާ ގޮތަށް މައްސަލަ ނިންމައިދިނުމަށެވެ.
ސުޕްރީމް ކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެެވެ. މިމައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31 ފިޔަވާ ކޮންމެ ދުވަހަކުވެސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން އެޖެންޑާ ކުރެ އެވެ. ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވާތީ އެއްވެސް ޖަލްސާއެއް ކުރިއަކަށް ނުގެންދެވެ އެވެ.
އީވާ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި ގޮތެއް ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ކަމަށް މަޖިލީހުގެ އިދާރާ އަށް އަންގަވާފަ އެވެ. ނަމަވެސް މަޖިލީހުގެ އިދާރާ އިން ވަނީ ކޯޓުގައި މައްސަލަ އޮތަސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އީވާ އަށް އަންގާފަ އެވެ.