ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
އެމްޑީޕީން ހުށަހަޅާފައިވާ ދުސްތޫރީ މިމައްސަަލައަށް ޕީޕީއެމް ޕީއެންސީއާއި ދަ ޑިމޮކްރެޓްސް ވަނީ ތަދައްޚުލްވެފަ އެވެ.
މިމައްސަލައަށް ތަދައްޚުލްވުމަށް ޑިމޮކްރެޓުންގެ ވަކިވަކި މެންބަރުން ހުށަހެޅުމުން ފުރަތަމަ އެ ފުރުސަތެއް ކޯޓުން ނުދެ އެވެ. ނަމަވެސް ފަހުން އެ ޕާޓީގެ ފަރާތުން އެކަމަށް އެދި ހުށަހެޅުމުން ސުޕްރީމް ކޯޓުން ފަހު ވަގުތު އެ ފުރުސަތު ދިނެވެ.
އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ދައުވާކުރާ މިމައްސަލައިގައި މަޖިލިސް ތަމްސީލް ކުރެއްވީ ބަންޑާރަނައިބް އެވެ. ނަމަވެސް މިމައްސަލައިގައި ބަންޑާރަނައިބްގެ ގާނޫނީ ލަފާތައް މީގެކުރިން ދެއްވާފައިވަނީވެސް އެމްޑީޕީގެ ހުށަހެޅުންތަކާ އެއްގޮތްވާ ގޮތަށެވެ. ޕީޕީއެމް ޕީއެންސީ އިން ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ ގާނޫނީ ނިންމުމާއި ބަންޑާރަނައިބްގެ ވިސްނުން ތަފާތު މައްސަލަ ސުޕްރީމް ކޯޓުގައި ފާހަގަވެސް ކޮށްފަ އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގައި އެހެންވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.
ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލައިގެ އަޑުއެހުން ފެށުމުގެ ގޮތުން އެމްޑީޕީގެ ފަރާތުން އިއްޔެ ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި އަހްމަދު އަބްދުﷲ އަފީފް އެވެ. މައްސަލަ ހުށަހަޅުއްވަމުން އަހްމަދު ވިދާޅުވީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި އަދި މަޖިލީހުގައި އަމަލުކުރަމުންދާ އާންމު އުސޫލަށް ބަލާއިރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ނެތް ގޮތަށް މަޖިލީހާ ގުޅޭ އެއްވެސް ކަމެއް ތަރުތީބު ކުރެވިފައި ނެތް ކަމަށެވެ. އެހެންވެ އޭނާ އެދިވަޑައިގަތީ އެމްޑީޕީން ހުށަހަޅާފައިވާ ގޮތަށް މައްސަލަ ނިންމައިދިނުމަށެވެ.
މިމައްސަލަ އަކީ ސިޔާސީ މައްސަލައެއް ކަމަށް ބުނެ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސްގެ ތެރެއިން މިމައްސަލަ ނުބެލޭނެ ކަމަށް ދަ ޑިމޮކްރެޓުން ކޯޓުގައި ބުނެފައިވެ އެވެ. އަދި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ އިދާރާ އިން ނިންމާފައިވާ ނިންމުންތަކަށް ދަ ޑިމޮކްރެޓުން ތާއީދުކޮށްފައިވެ އެވެ.
މަޖިލީހުގެ އިދާރާ ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބް ރައީސް ރިޔާސަތުގައި އިންނަވައިގެން ކަމަށާއި އެ ނޫން ބޭފުޅަކަށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ގަވައިދު އިސްލާހުކޮށްގެން ކަމަށެވެ. އަދި ނަޝީދުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް ހުށަހެޅިފައިވިޔަސް މަޖިލީހުގެ ތަޅުމަށް ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަދި ހުށަހެޅިފައި ނުވާތީ މަޖިލިސް ހުއްޓެންޖެހޭ އަދި މަޖިލީހުގެ އެހެން ޖަލްސާއެއް ނުބޭއްވޭނެ ސަބަބެއް ނެތް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ އިއްޔެ ވަނީ ކޯޓުގައި ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އެވެ.
މިމައްސަލައިގައި މިއަދު ބޭއްވި ދެވަނަ އަޑުއެހުމުގައި ވަކާލާތު ކުރަން ބޭނުންވި ހުރިހާ ފަރާތްތަކަކުން ވަކާލާތުކޮށް ފަހުބަސް ވިދާޅުވުމަށް ފުރުސަތު ދިނުމަށްފަހު ގާޒީ މަހާޒް ވަނީ މިމައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށް އިއުލާންކުރައްވާފަ އެވެ. ނަމަވެސް ހުކުމް ކުރުމަށް ދެން މަޖިލީހެއް ބާއްވާނެ ދުވަހެއް އިއުލާންކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ވީހާވެސް އަވަހަށް މައްސަލަ ނިންމަން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެެވެ. މިމައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31 ފިޔަވާ ކޮންމެ ދުވަހަކުވެސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން އެޖެންޑާ ކުރެ އެވެ. ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވާތީ އެއްވެސް ޖަލްސާއެއް ކުރިއަކަށް ނުގެންދެވެ އެވެ.
އީވާ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި ގޮތެއް ނުނިމެނީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ކަމަށް މަޖިލީހުގެ އިދާރާ އަށް އަންގަވާފަ އެވެ. ނަމަވެސް މަޖިލީހުގެ އިދާރާ އިން ވަނީ ކޯޓުގައި މައްސަލަ އޮތަސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އީވާ އަށް އަންގާފަ އެވެ.