ރައްޔިތުންގެ މަޖިލިސް

މޫސަ ޕީއެންސީއަށް، ފަޒުލް މަޖިލީހުން ވަކިވުން

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ޕީއެންސީއަށް ގުޅިވަޑައިގެންފައިވާ ކަމަށާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު މަޖިލީހުން ވަކިވެވަޑައިގެންފައިވާކަން މަޖިލީހުގައި މިއަދު އިއުލާނުކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ ދަފްތަރުގައި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރެއްގެ ގޮތުގައި ހުންނެވި މޫސާ ސިރާޖު ޕީއެންސީއަށް ގުޅިވަޑައިގެން މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅުއްވާފައިވާކަން އިއުލާނުކުރައްވާފަ އެވެ.

މީގެ އިތުރުން ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު މަޖިލީހުގެ މެންބަރުކަމުން އިއްޔެ އިސްތިއުފާ ދެއްވާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ފަޒުލް މެންބަރުކަމުން އިސްތިއުފާ ދެއްވީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުންނެވެ.

މަޖިލީހުގައި މެންބަރުން ނިސްބަތްވާ ޕާޓީތައް

  • އެމްޑީޕީ - 56 މެންބަރުން
  • ދަ ޑިމޮކްރެޓްސް - 13 މެންބަރުން
  • ޕީއެންސީ - 2 މެންބަރުން
  • ޕީޕީއެމް - 2 މެންބަރުން
  • އެމްޑީއޭ - 2 މެންބަރުން
  • ޖޭޕީ - 2 މެންބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތްނުވާ - 3 މެންބަރުން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ގުޅިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ މެންބަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.