ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޖަލްސާ މިމަހުގެ 22 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށްފަހު މެންބަރުން ތިއްބެވީ ޗުއްޓީގަ އެވެ. ނަމަވެސް އެމްޑީޕީގެ 29 މެންބަރަކު އެދިވަޑައިގެން ހުށައެޅުއްވި މައްސަލައަކާއި ގުޅިގެން ދައުރުން ބޭރުން ޖަލްސާއެއް ވަނީ ބާއްވާފަ އެވެ.
އެ ދުވަހުގެ ޖަލްސާގައި އޮތީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން އިއްވުމެވެ. މިމަހުގެ 12 ވަނަ ދުވަހު ބޭއްވި އެ ޖަލްސާއަށްފަހު ދައުުރުން ބޭރުގައި އިތުރު ޖަލްސާތަކެއް ބޭއްވުމަށް ޕީޖީ ލީޑަރުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި މެންބަރުންގެ އަދަދަށް މެންބަރުން އެ ގޮތަށް އެދިވަޑައިގެން ހުށަހެޅުއްވުމުންނެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ދައުރުން ބޭރުގައި އިތުރު ޖަލްސާއެއް ބޭއްވުމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކަށްފަހު މިމަހުގެ 22 ގައި ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށާއި އެ ޖަލްސާއަށްފަހު އިތުުރު ޖަލްސާތައް ދައުުރުން ބޭރުގައި ބޭއްވުމާ ގުޅޭގޮތުން އަނެއްކާވެސް ގޮތްތަކެއް ނިންމަވާނެ ކަމަށެވެ.
ދައުރުން ބޭރުންގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން އިއްވާފަ އެވެ. ފުރަތަމަ ކިއުން އިއްވުމުގެ ކުރިން ދައުރުން ބޭރުގައި އެ ޖަލްސާ ބޭއްވުމުގެ މުހިއްމު ކަމުގެ މައްޗަށް ބަހުސް ކުރައްވަން ނަޝީދު އެއް ގަޑިއިރުގެ ފުރުސަތަކަށް ހުޅުވައިލި އެވެ.
ނަޝީދު އެ ގޮތަށް ހުޅުވާލުމުން އިދިކޮޅު ބައެއް މެންބަރުން ވަނީ މަޖިލީހުގެ ވަގުތު ބޭކާރު ގޮތުގައި ހޭދަ ކުރެވޭ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި އެމްޑީޕީގެ މެންބަރުންގެ ތެރެއިން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އެ ގޮތަށް ބަހުސްކޮށް ވަގުތުތައް ނަގާލަން ގަވާއިދު ތަން ނުދޭ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވާ ރިޔާސަތުން އަންގާ ކަންކަމުގެ ތެރެއިން އެ ގޮތަށް ކަމެއް ރިޔާސަތުން އެންގިދާނެ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އިބްތިދާއީ ބަހުސް ކުރެވެން އޮންނަނީ ތިން ދުވަސް ނޫނީ ހަތް ދުވަހަށް ފަހުގައި ކަމަށެވެ.