އިލެކްޝަންސް ކޮމިޝަން

57،660 މެންބަރުންނާއެކު އެއްވަނަ އެމްޑީޕީއަށް

އެންމެ ގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.

އީސީ އިން ހާމަކުރި ގޮތުގައި މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގައި ތިބީ 57،660 މެންބަރުންނެވެ.

ދެން އެންމެ މެންބަރުން ގިނަ ޕާޓީއަކީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ. ޕީޕީއެމްގައި ތިބީ 38،704 މެންބަރުންނެވެ.

ޖުމްހޫރީ ޕާޓީއަކީ ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. އެ ޕާޓީގެ ދަފުތަރުގައި ތިބީ 22،607 މެންބަރުންނެވެ.

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގައި ތިބީ 10،386 މެންބަރުންނެވެ.

ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު

  • މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 57،660 މެންބަރުން
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) - 38،704 މެންބަރުން
  • ޖުމްހޫރީ ޕާޓީ (ޖޭޕީ) - 22،607 މެންބަރުން
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) - 10،386 މެންބަރުން
  • އަދާލަތު ޕާޓީ - 9،786 މެންބަރުން
  • މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) - 9،838 މެންބަރުން
  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 3،159 މެންބަރުން
  • މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) - 3،016 މެންބަރުން
  • މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) - 2،981 މެންބަރުން
  • މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) - 2،556 މެންބަރުން
  • ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) - 2،242 މެންބަރުން

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދާ ސިޔުާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާއި ޖޭޕީއާއި، އެމްއާރްއެމްއާއި އަދާލަތު ޕާޓީ އަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓިތަކެވެ. ޕީޕީއެމް އާއި ޕީއެންސީ އަކީ އެކުގައި މަސައްކަތް ކުރާ އިދިކޮޅު ކޯލިޝަނެވެ. އެމްއެންޕީ އަކީ އިދިކޮޅު ޕާޓީއެއް ކަމަށް އިއުލާންކޮށްގެން އަމިއްލަ އަށް މަސައްކަތް ކުރާ ޕާޓީ އެކެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން އެމްއެންޕީ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕާޓީގެ ރިޔާސީ ޓިކެޓް މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެމްއެންޕީގެ ރިޔާސީ ޓިކެޓް އެޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް ވަނީ ކަށަރުވެފަ އެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ވަނީ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އެކަމަކު އެމަނިކުފާނަށް 11 އަހަރުގެ ހުކުމެއް އިއްވާފައިވާތީ މިވަގުތު އެމަނިކުފާނަށް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުުރުމުގެ ދޮރު ބަންދުވެފަ އެވެ.