އިލެކްޝަންސް ކޮމިޝަން

ޕާޓީތަަކަށް ތަފާތެއް ނުކުރާނެ: ފުއާދު

އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކާއި މިހާރު އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށާ ޕާޓީތަކާމެދު ތަފާތު ކުރުމެއް ނެތި ހަމަހަމަ އުސޫލަކުން ނޫނީ ކަންކަން ނުކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ފުއާދު މިހެން ވިދާޅުވީ އެ ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފަށް އަމާޒުކޮށް އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އާއި އިދިކޮޅު ކޯލިޝަނުން އޭރު ކުރި ތުހުމަތުތަކާއެކު އުފެދުނު ނުތަނަވަސްކަމާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. މިދިއަ ރިޔާސީ އިންތިހާބުގެ ވޯޓް އޮޅުވާލާފައިވާ ކަމަށާ އެކަމުގެ އަޑީގައި ހުންނެވީ ޝަރީފް ކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވަ އެވެ. ޖަލުން މިނިވަންވެވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވެސް އެ ތުހުމަތުތައް އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ގައި ފުއާދު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކާއެކު ވެސް މިވަގުތު އޮތީ ރަނގަޅު ގުޅުމެއް ކަމަށެވެ. އަދި ޕާޓީތަކާއެކު ސިލްސިލާ ގިނަ ބައްދަލްވުންތަކެއް ބާއްވަމުން ގެންދާ ކަމަށެވެ. ފުއާދު ވިދާޅުވީ އެ ކޮމިޝަންގެ ކުރިމަތީގައި ހުރިހާ ޕާޓީތައް ހަމަހަމަ ކަމަށެވެ. އަދި ކޮންމެ ޕާޓީއަކަށް ވެސް އުސޫލުގެ ތެރެއިން ހަމަހަމަ ގޮތެއްގައި އިސްކަން ދެއްވާނެ ކަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ މެދުގައި ކިތަންމެ ބޮޑު ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް އަޅުގަނޑުމެންގެ ބައްދަލުވުންތަކުގައި ހުރިހާ ޕާޓީތަކުން ވެސް ވަރަށް ޕްރޮޑަކްޓިވް ހިޔާލުތައް ދެއްވާ. އަދި މިހާރު ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ގަބޫލު ކުރެއްވޭނެ އަޅުގަނޑުމެން އެއްވެސް ޕާޓީއެއް ތަފާތު ނުކުރާކަން. ހުރިހާ ޕާޓީތަކަށް ވެސް އެ ދޭން ޖެހޭ އިހުތިރާމާއި ގަދަރާއި އިސްކަން ހުރިހާ ޕާޓީތަކަށް ވެސް އެއްވަރަށް ދެމުން ގެންދާކަން،" ފުއާދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ ސަރުކާރުން ބޭނުންވިޔަސް ސަރުކާރު ހިންގާ ޕާޓީއަކުން ބޭނުންވިޔަސް އެ ކޮމިޝަނަށް ނުރަނގަޅު ނުފޫޒެއް ފޯރުވުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އެއީ އިދިކޮޅު ޕާޓީއަކަށް ވެސް އަދި އެއްވެސް ޕާޓީއަކަށް ވެސް އޮތް ފުރުސަތެއް ނޫން ކަމަށް ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އެއްވެސް ޕާޓީއަކުން އެ ކޮމިޝަނަށް ނުފޫޒު ފޯރުވާން މަސައްކަތް ނުކުރާ ކަމަށެވެ. ހުރިހާ ޕާޓީއަކުން ވެސް އެދެނީ ހަަމަހަމަކޮށް އިންސާފަށް ކަންކަން ކޮށްދިނުމަށް ކަމަށެވެ. އަދި އިންތިހާބުތަކުގެ ސައްހަކަން ކަށަވަރުކޮށް ދިނުމަށެވެ. އެކަން ކޮމިޝަނުން ކުރާނެ ކަމަށް ވިދާޅުވިއެވެ.

"އެއްވެސް ފަރާތަކަށް ނުފޫޒެއް ފޯރުވުމުގެ ފުރުސަތެއް ނޯންނާނެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ގާނޫނީ ޒިންމާ އަދާ ކުރަމުން ގެންދާނީ ގާނޫނީ އިމުގެ ތެރެއިން އިހުލާސްތެރި ކަމާއެކު. އަޅުގަނޑުގެ ނަޒަރުގައި އެއްވެސް ޕާޓީއަކުން މަސައްކަތެއް ނުވެސް ކުރައްވާނެ އަޅުގަނޑުމެންގެ މައްޗަށް ނުފޫޒެއް ފޯރުވާކަށް،" ފުއާދު ވިދާޅުވި އެވެ.