މައިންބަފައިން ދަރިންދެކެ ވާކަހަލަ ލޯތްބެއް އިލެކްޝަންސް ކޮމިޝަނުން ކޮންމެ ޕާޓީއަކާ ދޭތެރޭ ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ފުއާދު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރަގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
ބައެއް ސިޔާސީ ޕާޓީިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ މައްސަލަ އާއި ބައެއް ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް އަމާޒު ކުރަމުންދާ ފާޑުކިޔުންތަކާ ގުޅޭގޮތުން ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ގާނޫނީ އިމުގެ ތެރެއިން ހަރަކާތްތައް ހިންގުމަކީ އިލެކްޝަންސް ކޮމިޝަންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ސިޔާސީ ޕާޓީތައް ޖޫރިމަނާކޮށް ފިޔަވަޅު އެޅުމަކީ ކޮމިޝަނުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ ޕާޓީއަކުން އުސޫލުން ބޭރުން ކަމެއް ކުރާނަމަ ފުރަތަމަ ސިޓީ މެދުވެރިކޮށް އެކަން އެ ޕާޓީއެއްގެ ސަމާލު ކަމަށް ގެންނަ ކަމަށެވެ. އަދި ބައްދަލުކޮށް ނަސޭހަތް ދޭއިރު އޭގެ ފަހުން އެކަމެއް ތަކުރާރު ކުރާނަމަ އިންޒާރު ދެމުންދާ ކަމަަށެވެ. ފިޔަވަޅު އެޅުމަކީ އެންމެ ފަހުގެ މަރުހަލާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ މައިންބަފައިން ދަރިންދެކެ ވާކަހަލަ ލޯތްބެއް އިލެކްޝަންސް ކޮމިޝަނުން ކޮންމެ ޕާޓީއަކާ ދޭތެރޭ ވާނެ ކަމަށެވެ.
"މައިންބަފައިން ދަރިންދެކެ ވާކަހަލަ ލޯތްބެއް ހަމަ އިލެކްޝަންސް ކޮމިޝަނުން ކޮންމެ ޕާޓީއަކާ ދޭތެރޭވެސް ވާނެ. އެހެންވީމަ އަސަރު ކުރާ ގޮތްވޭ ޖޫރިމަނާ ކޮށް އެއްޗެއް ހޯދަންވީމަ،" ފުއާދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތައް ކޮމިޝަނުން ކުރަމުން ގެންދާއިރު އެ ކޮމިޝަންގެ މިނިވަންކަމާމެދު އިދިކޮޅުން ސުވާލު އުފައްދައެވެ. ހާއްސަކޮށް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް އާމެދު އިދިކޮޅުގެ ތުހުމަތު ބޮޑެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލި ކަމަަށް ބުނެ އިދިކޮޅުން ބޮޑެތި ތުހުމަތުތަކެއް ކުރިއިރު އެ ތުހުމަތުތައް އިދިކޮޅުން އަދިވެސް ދަނީ ތަކުރާރު ކުރަމުންނެވެ. އިންތިހާބު އޮޅުވާލި ކަމަށް ބުނާ ވާހަކަ ޝަރީފް ވަނީ ތަކުރާރުކޮށް ދޮގު ކުރައްވާފައެވެ.