އިލެކްޝަންސް ކޮމިޝަން

އެމްޑީޕީއާއި ޕީޕީއެމްގެ މެންބަރުންގެ އަދަދު މަދުވެއްޖެ

Nov 25, 2019
1

ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގެ އެންމެ ވާދަވެރި އަދި އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޕީޕީއެމްގެ މެންބަރުންގެ އަދަދު މަދުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ މެންބަރުންގެ އަދަދަކީ މިހާރު 53،694 އެވެ. މިދިޔަ ހަ މަސް ކުރިން އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 54،302 އެވެ. އެހެންވީމާ އެ ޕާޓީން ހަ މަސް ތެރޭގައި 608 މެންބަރުން ވަނީ މަދުވެފަ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމުގައިވާ ޕީޕީއެމްގެ މެންބަރުންގެ އަދަދު ވަނީ 38،020 މެންބަރުން 36،831 އަށް މަދުވެފަ އެވެ. އެއީ 1،189 މެންބަރުންގެ މަދުވުމެވެ. މިދިޔަ ހަ މަހުގެ ތެރޭގައި އެންމެ މެންބަރުން މަދުވީ ވެސް ޕީޕީއެމް އިންނެވެ.

ތިންވަނައަށް އެންމެ ބޮޑު ޕާޓީ ކަމުގައިވާ ޖުމްހޫރީ ޕާޓީގެ މެންބާޝިޕަށް 1،391 މީހުން ވަނީ އިތުރުވެފަ އެވެ. އެ މުއްދަތުގެ ތެރޭގައި މެންބަރުން އެންމެ ބޮޑަށް އިތުރުވީ ޖޭޕީގަ އެވެ. ކުރިން 9،335 މެންބަރުން ތިބިއިރު މިހާރު އެ ޕާޓީގައި 10،726 މެންބަރުން އެބަ ތިއްބެވެ.

އެމްޑީއޭގެ މެންބަރުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. ހަ މަސް ކުރިން 8،712 މެންބަރުން ތިބިއިރު މިހާރު 8،805 މެންބަރުން އެ ޕާޓީގައި އެބަ ތިއްބެވެ. އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު ވެސް ހަ މަސް ތެރޭގައި އިތުރުވި އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 6،253 އިން 6،554 އަށް އިތުރުވެފަ އެވެ.

މިދިޔަ ހަ މަސް ތެރޭގައި މެންބަރުންގެ އަދަދު އިތުރުވި އެއް ޕަޓީއަކީ ޕީއެންސީ އެވެ. އެ މުއްދަތުގެ ތެރޭގައި އެ ޕާޓީގެ މެންބާޝީޕަށް 1،283 މެންބަރުން ވަނީ އިތުރުވެފަ އެވެ. ކުރިން 3،084 މެންބަރުން ތިބިއިރު މިހާރު 4،367 މެންބަރުން އެބަ ތިއްބެވެ. ޕީއެންސީއަކީ ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީއެކެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވާ އުފެއްދެވި އެމްޓީޑީގެ މެންބަރުންގެ އަދަދު ވަނީ މިދިޔަ ހަ މަސް ތެރޭގައި މަދުވެފަ އެވެ. ހަ މަސް ކުރިން އެ ޕާޓީގައި 3،575 މެންބަރުން ތިއްބެވެ. މިހާރު ތިބީ 3،498 މެންބަރުންނެވެ. ލޭބާ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 2،766 އިން 3،004 އަށް އިތުރުވެފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު އެންމެ މެންބަރުން މަދީ ޑީއާރުޕީގަ އެވެ. ނަމަވެސް އެ ޕާޓީއަށްވެސް މިދިޔަ ހަ މަސް ތެރޭގައި ވަނީ މެންބަރުން އިތުރުވެފަ އެވެ. ކުރިން އެ ޕާޓީގައި ތިބީ 2،870 މެންބަރުންނެވެ. މިހާރު 2،985 މެންބަރުން އެބަތިއްބެވެ.