އިލެކްޝަންސް ކޮމިޝަން

އިންތިހާބަށް ފޯމްތައް ޕްރޮސެސްކުރުން ހުއްޓާލައިފި

ސިޔާސީ ޕާޓީތަކުން ހުށައަޅާ މެންބާޝިޕް ފޯމްތައް ޕްރޮސެސް ކުުރުން، ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން މެދުކަނޑާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ސިޔާސީ ޕާޓީތަކުން ހުށައަޅާ މެންބާޝިޕް ފޯމްތައް ޕްރޮސެސް ކުުރުން ހުއްޓާލާފައިވާ ކަމަށެވެ.

"ނަމަވެސް ކޮންމެހެން ޕްރޮސެސް ކުރަންޖެހޭ މުހިންމު ފޯމްތައް މީގެ ތެރެއިން އިސްތިސްނާވާނެ ވާހަކަ ދަންނަވަން."

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު ހަމަވާ ތިން ސިޔާސީ ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަނި ކަމަށް ޕާޓީތަކާ ބެހޭ ގަވާއިދުގައި ވަނީ ބުނެފައެވެ.

އަހަރު ނިމުނުއިރު އެންމެ ގިނަ މެންބަރުން ތިބީ އެމްޑީޕީގައެވެ. އެ ޕާޓީގެ މެންބާޝިޕް ވަނީ ބައިލައްކަ ފަހަނައަޅާ ގޮސްފައެވެ. އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 54101 މެންބަރުންނެވެ. ދެން އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމްގައެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 36078 އެވެ. ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓިީގައި ތިބީ 11072 މެންބަރުންނެވެ.

އޭގެ އިތުރުން ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭގައި ތިބީ 8506 މެންބަރުންނެވެ. އެމްޑީއޭއަކީ ކުރިން ދިހަ ހާސް މެންބަރުން ހަމަކޮށްފައިވާ ޕާޓީއެކެވެ. އަދާލަތު ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބީ 6789 މެންބަރުންނެވެ. އަދާލަތު ޕާޓީގައި ގާނޫނު ބުނާ އަދަދަށް މެންބަރުން ހަމަވެފައިނުވާތީ މީގެ ތިން ހަތަރު އަހަރެއް ކުރިން ފެށިގެން އެ ޕާޓީއަށް އެއްވެސް އަހަރަކު ފައިސާ ލިބިފައެއް ނުވެއެވެ.

31 ޑިސެންބަރުގެ ނިޔަލަށް ޕާޓީތަކުގައި މެންބަރުން ތިބި އަދަދު

  • އެމްޑީޕީ 54101
  • ޕީޕީއެމް 36078
  • ޖުމްހޫރީ ޕާޓީ 11072
  • އެމްޑީއޭ 8506
  • އަދާލަތު ޕާޓީ 6789
  • ޕީއެންސީ 4221
  • އެމްޓީޑީ 3279
  • ޑީއާރުޕީ 3033
  • އެމްއެސްއެލްޑީޕީ 2977
  • އެމްއާރުއެމް 2851