އިލެކްޝަންސް ކޮމިޝަން

ދަފްތަރު: އެމްޑީޕީގައި 52،952 ޕީޕީއެމްގައި 37،144

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދުތައް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިވަގުތު 10 ޕާޓީއެއް އެބަ އޮތެވެ.

އެ ކޮމިޝަނުން މިރޭ އާންމުކުރި އެ މައުލޫމާތުތަކަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވާ ދެ ޕާޓީއެއް އެބައޮތެވެ. އަދި ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މިންވަރަށް މެންބަރުން ތިބީ ތިން ޕާޓީއެއްގައި އެކަންޏެވެ. ގާނޫނު ބުނާ ގޮތުން ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރު ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ.

މިވަގުތު 10،000 މެންބަރުން ހަމަވަނީ އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީގަ އެވެ. އެމްޑީޕީގައި 52،952 މެންބަރުން އެބަތިއްބެވެ. އަދި ޕީޕީއެމްގައި 37،144 މެންބަރުން ތިބިއިރު ޖުމްހޫރީ ޕާޓީގައި ތިބީ 13،825 މެންބަރުންނެވެ.

ތިންހާސް މެންބަރުން ހަމަ ނުވަނީ ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޑީއާރްޕީ އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއެވެ. ޑީއާރުޕީގައި ތިބީ 2902 މެންބަރުންނެވެ. އެމްއެލްއެސްޑީގައި ތިއްބީ 2881 މެންބަރުންނެވެ.

ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު

  • ދިވެހި ރައްޔިތުންގެ ޕާޓީ 2،902
  • ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ 52،952
  • އަދާލަތު ޕާޓީ 6،640
  • ޖުމްހޫރީ ޕާޓީ 13،825
  • މޯލްޑިވްސް ރިފޯމް މޫވްމަންޓް 3،023
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް 37،144
  • މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް 8،178
  • މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ 2،881
  • މޯލްޑިވްސް ތާޑްވޭ ޑިމަކްރެޓްސް 3،171
  • ޕީޕަލްސް ނެޝަނަލް ކޮންގްރެސް 4،004

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އަދަދުތަކަކީ ޕާޓީތަކުން އެންމެ ފަހުން ހުށައެޅި ފޯމްތައް ޕްރޮސެސް ކުރުމަށްފަހު މިރޭގެ ނިޔަލަށް އަޕްޑޭޓް ކޮށްފައިވާ އަދަދުތައް ކަމަށެވެ.